ސަލްމާން ޚާން އަދި ކެޓްރީނާ ކައިފްގެ ފިލްމު 'ޓައިގާ ޒިންދާ ހޭ' އަށް ދެ ދުވަހުގެ ތެރޭގައި 69 ކުރޯޑް ރުޕީސް ލިބިއްޖެ އެވެ.

ފިލްމު ސިނަމާތަކުގައި އެޅުވި ފުރަތަމަ ދުވަހު ވެސް ފިލްމަށް 34.50 ކްރޯޑު ލިބިފައިވާ އިރު ފިލްމް މިހާރު ވެގެން ގޮސްފައި ވަނީ އެންމެ ފެށުން ރަނގަޅު ފިލްމަށެވެ.

އެއާ އެކު މި ފިލްމަކީ އަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވެސް ބެލެވެ އެވެ. ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ބުނީ ފިލްމުގެ ފެށުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ފިލްމްގެ ކާމިޔާބީ އަދި ކުރިއަށް އޮތީ ކަމަށެވެ.

"ވަރަށް ހިތްހަމަޖެހިފައި މި ހުރީ ފިލްމްގެ ކާމިޔާބީ އާ ދޭތެރޭ. އުންމީދު ނުކުރާހާ ވަރަށް ވެސް ފިލްމް އެބަ ކުރިއަށްދޭ. މިއީ ކެރިއަރުގައި ވެސް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ،" އޭނާ ބުންޏެވެ.

"ޓައިގާ ޒިންދާ ހޭ: އަކީ 2012 ވަނަ އަހަރު ނުކުތް "އޭކް ދަ ޓައިގާ"ގެ ސީކުއަލް އެކެވެ.

ފިލްމްގައި ސަލްމާން ވެސް ކެޓްރީނާ ވެސް ގިނަ އަދަދަކަށް އެކްޝަން ރޯލު ކުޅޭ އިރު އެ ފިލްމަކީ ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

ފިލްމުގައި ދައްކުވައިދޭނީ އިރާގުގެ ޓެރަރިސްޓް ޖަމާއަތެއްގެ އަތްދަށުގައި ތިބި އިންޑިއާ ނަރުހުންތަކެއް އަތުލައިގަންނަން އެ މީހުންގެ ސިއްރު ފުލުހަކާއި ޕާކިސްތާނުގެ އެޖެންޓަކު ކުރާ މަސައްކަތްތެވެ.