މާލެއާއި މާލެ ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނީ، މިއަދުން ފެށިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަނަކީ އާ އަހަރާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް އަމާން ވެއްޓެއްގައި ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލްކުރުން އިތުރުކޮށް ތަންތަން ބަލައި ފާސްކޮށް ދަންވަރު ވަގުތުތަކުގައި ބޭނުމެއްނެތި މަގުމަތީގައި އުޅޭ މީހުންނާ ސުވާލުކޮށް ބަލައި ފާސްކޮށް ހަދާނެކަމަށް ފުލުހުން ބުންޏެވެ. އޭ ގެ އިތުރުން ރައްކާތެރިކަން ގާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރުކޮށް ކުށުގެ އަމަލުތައް ހުށަހެޅޭ ސަރަޙައްދުތައް އިތުރަށް ބަލައި ފާސްކޮށް އެސަރަޙައްދުތައް ބެލެހެއްޓުން އިތުރު ކުރެވޭނެ ކަމަސްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި އެއްގަމު ސަރަހައްދުގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ކަނޑުމަތިން އުޅަނދުތައް ބަލައި ފާސްކުރުމަށް ވެސް ހަމަޖެހިފައިވާކަމަށެވެ.

އެ ހާއްސަ އޮޕަރޭޝަންގައި ތަހުގީގީ ދާއިރާގައި މަސައްކަތްކުރާ ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށާއި ފާރަ ބޭނުންކޮށްގެން ތަންތަން ބަލައިފާސްކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންވަނީ، އެއްވެސް ފަރާތަކުން ކުށަށް އަރައިނުގަތުމަށާއި އެއްވެސް ކުށުގެ ޢަމަލެއް ހިނގާނަމަ ލަސްނުކުރައްވައި ފުލުހުންނާ އެކަން ހިއްސާކުރެއްވުމަށް އާންމުންނާ އިލްތިމާސްކޮށްފައެވެ.