10 Aug 2011, 15:54
މިދިޔަ ޖުލައި މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 14.43 މިލިއަން ޑޮލަރަށް އަރައި، ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް 433 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާންމުކޮށްފައިވާ ވޭތުވެ ދިޔަ މަހުގެ ދައުލަތުގެ އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު ދައުލަތަށް ލިބުނު 433 މިލިއަން ރުފިޔާގެ އާމްދަނީގެ ބޮޑު ބަޔެއް ހިއްސާކުރަނީ ބޭންކް ޕްރޮފިޓް ޓެކްސް އެވެ. އެ ބައިން 179 މިލިއަން ރުފިޔާ ސަރުކާރަށް ލިބިފައިވެ އެވެ.
އަދި ޓީޖީއެސްޓީގެ ގޮތުގައި ސަރުކާރަށް 47.4 މިލިއަން ރުފިޔާ ނުވަތަ ގާތްގަނޑަކަށް 3.1 މިލިއަން ޑޮލަރު ލިބިފައިވާއިރު ޓޫރިޒަމް ޓެކްސްގެ ގޮތުގައި ގާތްގަނޑަކަށް 45 މިލިއަން ރުފިޔާ ]2.9 މިލިއަން ޑޮލަރު[ ލިބިފައިވެ އެވެ.
އަދި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި މިދިޔަ މަހު 23.3 މިލިއަން ރުފިޔާ މީރާ އަށް ދައްކާފައިވެ އެވެ. އެއީ ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރެވެ. އަދި ސަރުކާރުގެ ބިންތައް ވިއްކައިގެން ގާތްގަނޑަކަށް 39 މިލިއަން ރުފިޔާ ނުވަތަ 2.5 މިލިއަން ޑޮލަރު ވެސް ދައުލަތަށް ލިބިފައިވެ އެވެ.
މީގެ އިތުރުން ވިސާފީގެ ގޮތުގައި ދައުލަތަށް 11.5 މިލިއަން ރުފިޔާ މިދިޔަ މަހު ދައްކާފައިވެ އެވެ. ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި މިދިޔަ މަހު 9.9 މިލިއަން ރުފިޔާ މީރާ އިން ބަލައިގެންފައިވެ އެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަތް މަަސް ދުވަހުގެ ތެރޭ ދައުލަތަށް ލިބިފައިވާ އާމްދަނީ 2.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހާ އަޅާބަލާއިރު 80 ޕަސަންޓް އިތުރު އަދަދެކެވެ.