24 Dec 2017, 22:49
ނ. ވެލިދޫ ހިމެނޭ ސަރަހައްދުގައި އެއާޕޯޓެއް ގާއިމްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ނ. ވެލިދުއަށް ވަޑައިގެން މިއަދު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ނ. އަތޮޅަކީ އެމަނިކުފާނުގެ ޒައާމަތުގައި ތަރައްގީގެ ޗާޓުގައި ވަރަށް ކުރީގަ އޮންނަ އަތޮޅެއް ކަމަށާއި އެހެންކަމުން ވެލިދޫ ސަރަހައްދަށް އެއާޕޯޓެއް އަންނާނެ ކަމަށެވެ.
ވެލިދޫ ސަރަހައްދުގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް ވިދާޅުވިއިރު، އެއަތޮޅު މާފަރުގައި އެއާޕޯޓު އެޅުމަށް ވަނީ ނިންމާފައެވެ. އެއެއާޕޯޓަކީ ޔޫއޭއީ އިން ރާއްޖެއަށް ހަދިޔާކުރާ އެއާޕޯޓެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ ނ. އަތޮޅުގެ އެއްބިތުން އަނެއް ބިތަށް ދަތުރުކުރުމަށް 40 މިނެޓު ހޭދަވާ ކަމަށެވެ. އެއީ ވެލިދޫ ސަރަހައްދުގައި އެއާޕޯޓެއް އަޅަންޖެހޭ ސަބަބެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއާޕޯޓު އެޅުމުގެކުރިން، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެލިދޫން އެމަނިކުފާނަށް ލިބެނީ ކިތައް ޕަސެންޓުކަން ކަށަވަރުކޮށްދޭން އެބަޖެހޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ވައުދު ފުއްދަންޖެހޭނީ އޭގެފަހުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެހެންވީމަ މި ސަރަހައްދަށް އެއާޕޯޓެއް އަންނާނެ. އެކަމަކު އޭގެކުރިން އެބަޖެހޭ މިރަށުގައި ތިއްބެވި ހުރިހާ ފިކުރެއްގެ ބޭފުޅުން އަޅުގަނޑަށް އާނ ވޯޓެއް ދެއްވާއިރު އެއީ ކިހާ ޕަސެންޓޭޖެއްގެ ވޯޓެއްކަން އަޅުގަނޑަށް ކަށަވަރުކޮށްލަދެއްވަން އެބަޖެހޭ. އޭގެފަހުން ދެއްތޯ އަޅުގަނޑުގެ ވައުދު ފުއްދަންޖެހޭނީ. އެހެންވީމަ މިކަމާދޭތެރޭ ތިބޭފުުން ވިސްނަވާނެ ކަމަށް އުންމީދު ކުރަން،" ރައީސް ޔާމީން ވިދާޅުވިއެވެ.