24 Dec 2017, 20:18
ދުބާއީގައި އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފިރިހެން ހާފިޒަކަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ފުރުސަތު ހުޅުވާލައިފި އެވެ.
ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނީ، އަންނަ އަހަރުގެ ރަމަޟާންމަހު ބާއްވަން ހަމަޖެހިފައިވާ އެ މުބާރާތުގައި ފިރިހެން ބޭފުޅަކު ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އަދި މުބާރާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކަށް ޓިކެޓް ހަރަދާއި ހުރުމުގެ ހަރަދު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ދެއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މަރުކަޒުން ބުންޏެވެ.
ދުބައީ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތަކީ ރާއްޖެއިން 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބައިވެރިވަމުން އަންނަ މުބާރާތެކެވެ.
ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނި ގޮތުގައި، އެ މުބާރާތުގައި ބައިވެރިވުމުގެ ޝަރުތަކީ:
ޤުރުއާން އެއްކޮށް ހިތުދަސް ފިރިހެނަކު ކަމުގައިވުން
- 16 މެއި 2018 އަށް 25 އަހަރު ފުރިފައި ނުވުން
- އެ މުބާރާތުގައި މީގެ ކުރިން ބައިވެރިވެފައި މީހަކަށް ނުވުން
އަދި އެ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ މަހުގެ 31 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން އެކަމަށް އެދި ސިޓީއާއެކު އައިޑީ ކާޑު ކޮޕީ ހުށަހެޅުމަށް އެ މަރުކަޒުން އެދެ އެވެ.