24 Dec 2017, 20:06
އާޖެންޓީނާ ޑިފެންޑަރު ނިކޮލަންސް އޮޓަމެންޑީ، މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.
އުމުރުން 29 އަހަރުގެ ޑިފެންޑަރު އޮޓަމެންޑީ، ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ދެން ނިމުމަކަށް އަންނާނީ 2022 ވަނަ އަހަރުއެވެ.
ސިޓީއަށް 2015 ވަނަ އަހަރު ސޮއިކުރި އޮޓަމެންޑީ ކޮންޓްރެކްޓް އާކުރީ އިތުރު ދެ އަހަރު ދުވަހު އެ ކްލަބުގައި މަޑުކުރާ ގޮތަށެވެ. އޭނާ 2015 ވަނަ އަހަރު އެ ކްލަބަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.
މިސީޒަނުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ޓީމުގައި އޮޓަމެންޑީ ވެގެންގޮސްފައިވަނީ މުހިންމު ކުޅުންތެރިއަކަށެވެ. މިސީޒަނުގައި އޮޓަމެންޑީ އެ ކްލަބަށް ކުޅުނު 23 މެޗުން އޭނާ ވަނީ ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ. ސިޓީން މިސީޒަނުގައި ދައްކާ ފާހަގަކޮށްލެވޭ ނަތީޖާތަކުގެ ފަހަތުގައި އޮޓަމެންޑީގެ ދައުރު ފާހަގަކޮށްލެވެއެވެ.
މިފެށޭ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕްގެ ކުރިން ސިޓީން ދަނީ އެ ކްލަބުގެ މުހިންމު ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތްކުރަމުންނެވެ. މިސީޒަނަށްފަހު ސިޓީއާއެކު ފެނާންޑީނިއޯ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައުމުގެ ކުރިން އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ވެސް ސިޓީން ދަނީ މަސައްކަތްކުރަމުންނެވެ. ހަބަރުތައް ބުނާގޮތުގައި، ފެނާންޑީނިއޯ އިތުރު އެއް އަހަރު ދުވަހު އެ ކްލަބުގައި މަޑުކުރުމަށް އެއްބަސްވާނެއެވެ.
ސިޓީގައި 2023 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރުމަށް ގެބްރިއަލް ޖީސަސް ކޮންޓްރެކްޓް އާކުރުމާ ގާތަށް ގޮސްފައިވާ އިރު، ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާގެ ކޮންޓްރެކްޓް އާކުރުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.