އަވަށްޓެރި އިންޑިއާއާ ދިމާލަށް ދިވެހީން އެއްޗެއް ބުނަން ނުޖެހޭ ކަމަށާއި އެއީ ރާއްޖެއާ އެންމެ ގާތް ގައުމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ނ. ވެލިދުއަށް ވަޑައިގެން މިއަދު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ނޫސްތަކުގައި ރާއްޖެއާ ގުޅޭ ގޮތުން ލިޔެފައިވާ ލިޔުންތަކަކީ އެ ލިޔުން ލިޔުނު ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލު ކަމަށާއި ދިވެހި ނޫސްވެރިން އެކަމަށް ރައްދުދޭން ނުޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެގްރީމެންޓެއް ކުރެވިގެން، އެކަމުގައި އިންޑިއާގެ ބައެއް އަމިއްލަ މީހުންގެ، ޖާނަލިސްޓުންގެ ޚިޔާލު ތަފާތުވެގެންދާ ދިޔުމަށް، ދައްކާ ވާހަކައަށް އަޅުގަނޑުމެންގެ ނޫސްވެރިން ނުޖެހޭ ރައްދުދޭކަށް. އެއީ ވަރަށް ދެރަކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހި ނޫހެއްގައި އިންޑިއާ އާ ދިމާލަށް އެއްޗިހި ކިޔައި ލިޔުންތައް ލިޔަނީ މުޅި ދައުލަތުގެ މަސްލަހަތަށް އެކަމުގެ ސަބަބުން ކުރާނީ ކޮންކަހަލަ ކަމެއްތޯ ވިސްނާ ނުލައި ކަމަށެވެ.

"އެކަންކަމާ ދޭތެރޭ އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ އިންޑިއާއަކީ ރާއްޖޭގެ އަދުވެއްކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ރިޕޯޓެއް ޝާއިއުކޮށްފައިވަނިކޮށެވެ. އެ އޮންލައިން ނޫހުގައި ޝާއިއުކުރި އެ ރިޕޯޓުގައި ވަނީ އިންޑިއާގެ ނޫހެއްގައި ރާއްޖެއާ ގުޅޭ ގޮތުން ލިޔެފައިވާ ލިޔުމަކަށް ރައްދުދީފަ އެވެ.

ރާއްޖޭގެ އެ އޮންލައިން ނޫހުގައި އިންޑިއާއާ ގުޅޭ ގޮތުން ލިޔެފައިވާ ލިޔުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫއަރާފަދަ ލިޔުމެއް ކަމަށް ތުހުމަތު ކުރެވޭތީ އެމައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން އަންނަނީ ބަލަމުންނެވެ.

ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމަކީ އެހެން ގައުމަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް އެކަމުގެ ސަބަބުން އަސަރު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އިންޑިއާއާ އެކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަސައްކަތް އެބަކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާގެ ވެރިންނަށް ރައްދުކޮށް ބަދުބަސް ބުނުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެންމެ ގާތް ގައުމަކީ އިންޑިއާ. އެއީ ޒަމާނުއްސުރެ މިކަން އޮތްގޮތް. އެހެންވީމަ އަޅުގަނޑުމެން އެއްގޮތަށް ވެސް ކޮށްގެން ނުވާނެ ކަމަކީ، އިންޑިއާ އާއި އިންޑިއާގެ ވެރިންނާ ސިޔާސީ ބޭފުޅުންނަށް ރައްދުވާގޮތަށް ބަދުބަސްބުނުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.