ގިރާވަރު އައިލެންޑް ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ 2.5 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދަން މ. ސްނޯރޯޒް އަބްދުއް ރައޫފްގެ މައްޗަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އެތޯރިޓީ )މީރާ( އިން ސިވިލް ކޯޓުގައި މިއަދު ދައުވާކޮށްފި އެވެ.

މީރާއިން ދައުވާކޮށްފައި ވަނީ އެ ރިސޯޓުން މުއްދަތުގެ ތެރޭ ކުލި ދައްކާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 2519276.98 މިލިއަން ޑޮލަރު ހޯދުމަށެވެ. އެއީ 2008 ވަނަ އަހަރުގެ ފަހު ދެ ކުއާޓަރާއި 2009 އަދި 2010ގެ ހަތަރު ކުއާޓަރުގެ ކުލި ވެސް މުއްދަތަށް ދައްކާފައިނުވާތީ ސަރުކާރަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެވެ.

މީރާ އިން މިއަދު ބުނި ގޮތުގައި، ކުލި ދެއްކުމުގެ މުއްދަތު ހަމަވި ފަހުން ކުލި ނުދައްކައި ކޮންމެ ދުވަހަކަށް ކުލީގެ 0.5 ޕަސަންޓް ޖޫރިމަނާގެ ގޮތުގައި ރައޫފް ދައުލަތަށް ދައްކަން ޖެހެ އެވެ. އަދި މިއަދު ކޯޓުގައި މީރާ އިން އެދިފައި ވަނީ، އެފައިސާ އެއްފަހަރާ ދައުލަތަށް ދެއްކުމަށް ރައޫފުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް މުއްދަތަށް އެދުމުން، 10 ދުވަހުގެ ފުރުސަތެއް ރައޫފަށް ދިނުމަށް ފަހު އެވެ. ދެން އަޑުއެހުން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.