24 Dec 2017, 20:08
ފާއިތުވެދިޔަ ސީޒަންތަކުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ މެދުތެރޭގައި އިސްދައުރެއް އަދާކުރާ މުހައްމަދު އިރުފާން (އިރޭ) އާއި މޫސާ ޔާމީން (ޔާމްބެ)، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.
އަންނަ ސީޒަނުގައި މާޒިޔާގެ ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން އެ ކްލަބުން ދަނީ އާ ކުޅުންތެރިންތަކެއް ހޯދުމަށް މަސައްކަތްކޮށް، މިހާރު ޓީމުގައި ތިބި ކުޅުންތެރިންގެ އެއްބަސްވުން އާކުރުމަށް މަޝްވަރާކުރަމުންނެވެ.
މާޒިޔާގެ އެއްބަސްވުން އާކުރި އިރޭ ވަނީ ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ވެސް އެ ކްލަބަށް ކުޅެފައެވެ. އެގޮތުން މާޒިޔާގެ ނަން ދިވެހި ފުޓްބޯޅައިގައި ފަވާލުމަށް އިރޭގެ ދައުރު ފާހަގަކޮށްލެވެއެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ވެސް އިރޭ ހިމެނެއެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި މާޒިޔާއިން ހޯދި ކާމިޔާބީތަކުގެ ފަހަތުގައި ޔާމްބެގެ ދައުރު ވެސް ފާހަގަކޮށްލެވެއެވެ. ތޮއްޑޫ ޓީމުން ފުރަތަމަ ޑިވިޝަންގައި ފެނުނު ޔާމްބެ ވަނީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ. އޭނާ މާޒިޔާއާ ގުޅުނީ 2014 ވަނަ އަހަރުއެވެ. މިސީޒަނުގެ ކުރީކޮޅު ޔާމްބެއަށް ލިބުނު އަނިޔާއާ ގުޅިގެން މާޒިޔާގެ ޓީމުން އޭނާއަށް ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.
އިރޭއާއި ޔާމްބެގެ އެއްބަސްވުން އާކުރި ނަމަވެސް، މާޒިޔާގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރު ވަނީ އެ ކްލަބު ދޫކޮށް އެނބުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅިފައެވެ. މިސީޒަނުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށް އަނިޔާވުމާ ގުޅިގެން އެ ކްލަބަށް ނަތީޖާތައް ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދިން ކުޅުންތެރިޔަކީ އުމައިރެވެ.
މިސީޒަނުގައި މާޒިޔާއަށް އެންމެ އެދެވޭ ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ. މާޒިޔާއަށް މިސީޒަނުގެ މާލޭ ލީގު ކާމިޔާބުކުރެވުނު ނަމަވެސް، އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގައި ރަނގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން، 2013 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މާޒިޔާއަށް ވަނީ އޭއެފްސީ ކަޕުން ޖާގަ ގެއްލިފައެވެ.