ސިއްހީ ދާއިރާ އިން ދިރާސާ ކުރާ މީހުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ދޭން ނިންމާފައިވާ ސިއްހީ ދިރާސާ އެވޯޑަށް ނަން ހުށަހަޅަން ހެލްތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިއީ ރާއްޖޭގެ ސިއްހީ ދާއިރާއިން އެންމެ ފުރިހަމަ ދިރާސާއެއް ކޮށްފައިވާ ދިވެއްސަކަށް އެކަން ފާހަގަކުރުމުގެ ގޮތުން ދޭ މިފަދަ ފުރަތަމަ އެވޯޑެވެ. އެ އެވޯޑްދޭ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގައި ސިއްހީ ދިރާސާ ކުރުމުގެ ސަގާފަތެއް ތަރައްގީީކޮށް، ރަނގަޅު ފެންވަރުގެ ދިރާސާ ކުރުމުގެ ރޫހު ދިރުވާ އާލާކުރުން

  • ދިރާސާ ކުރާ މީހަކަށް އެބޭފުޅުންގެ މަސައްކަތް ކުރިއެރުވުމަށްް ހިތްވަރުދީ ރަނގަޅު ފެންވަރުގެ ދިރާސާ ކުރުވުން
  • ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންތެރި އަދި މުހިއްމު ދިރާސާތައް ކުރުވައި، ރަނގަޅު ނަތީޖާއެއް ނެރުން
  • ދިވެހިރާއްޖޭގެ ސިއްހީ ދިރާސާއާއިބެހޭ ސިޔާސަތައް ހޭލުންތެރިކޮށް، ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުވުން

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ އެވޯޑަށް އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ފެބްރުއަރީ އެކެއްގެ 12:00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

އެކަމަށް އެދި ނަން ހުށަހަޅަންޖެހޭނީ އެކަމަށް ފުރިހަމަ ކުރަންޖެހޭ އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް އެ ފޯމުގައި ބަޔާން ކޮށްފައިވާ ލިޔުންތަކާއެކު ހެލްތު މިނިސްޓްރީ އަށެވެ.

ހެލްތު މިނިސްޓްރީން މިހާރު ވެސް ދަނީ ކޮންމެ އަހަރެއްގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑުތަކެއް ދެމުންނެވެ.

އެގޮތުން ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ރަނގަޅަށް މަސައްކަތް ކުރާ ހޮސްޕިޓަލަކަށް ނުވަތަ މަރުކަޒަކަށާއި އަތޮޅު ތެރޭގައި އެންމެ ރަނގަޅު ހިދުމަތެއް ދިން ހޮސްޕިޓަލަކަށް ނުވަތަ މަރުކަޒަކަށް އަދި ސިއްހީ ދާއިރާއިން އެންމެ ރަނގަޅު ހިދުމަތެއް ކުރާ ފަރާތްތަކަށް އެވޯޑް ދެ އެވެ.