24 Dec 2017, 17:07
ޔޫރަޕުގެ ގަދަ ފަސް ލީގަށް ބަލާއިރު އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑާއެކު ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަނެއްކާ ވެސް ތާރީހުން ޖާގަ ހޯދައިފިއެވެ.
އިއްޔެ ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑާއެކު މެސީ ވަނީ ބާސާއަށް ޖުމްލަ 526 ލަނޑު ޖަހައިދީފައެވެ. މި ރެކޯޑު ކުރިން އޮތީ ޖަރުމަނުގެ ބަޔާން މިއުނިކަށް 1964 އާއި 1979 އާ ދެމެދު ކުޅުނު އެ ގައުމުގެ ފޯވާޑު ގާޑް މުލާ އަތުގައެވެ. އޭނާ ވަނީ ބަޔާންއަށް ކުޅުނު 572 މެޗުގައި 525 ލަނޑު ޖަހައިދީފައެވެ.
މުލާގެ ރެކޯޑު މެސީ މުގުރާލީ އޭނާ ބާސާއަށް ކުޅުނު 605 މެޗުގައެވެ. ރެއާލްކޮޅަށް ޖެހި ޕެނަލްޓީއާއެކު މެސީ ވެގެން ގޮސްފައިވަނީ މި އަހަރު ޔޫރަޕުގެ ގަދަ ފަސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެސް މެއެވެ. އޭނާ ވަނީ މިއަހަރު އެކަނިވެސް ބާސާއަށް 50 ލަނޑު ޖަހައިދީފައެވެ.
މެސީ ވަނީ އޭނާ، ބާސާގައި މިހާތަނަށް ހޭދަކުރި 13 އަހަރު ތެރޭގައި ގިނަ ރެކޯޑުތަކެއް މުގުރާލާފައެވެ. އެގޮތުން އޭނާއަކީ ބާސާގެ ތާރީހުގައި ވެސް އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. ހަމައެހެންމެ 363 ލަނޑާއެކު ސްޕެނިޝް ލަލީގާގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔަކީ މެސީއެވެ.