24 Dec 2017, 16:34
އިދިކޮޅު ފަރާތްތަކަށް އެމީހުން ތިބި ފިކުރެއް ނޭނގޭ ކަމަށް ވިދާޅުވެ ސަރުކާރާ އިދިކޮޅަށް މަސަތްކަތް ކުރާ މީހުންނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.
ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު މެންދުރު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންސާނުންގެ ފިކުރަކީ ކޮންމެ ވަގުތެއްގައި ވެސް ބަދަލު ވެދާނެ އެއްޗެއް ކަމަށާއި ފެންނަމުން ދަނީ ފިކުރާ ވިސްނުން ބަދަލުވަމުންދާ މަންޒަރު ކަމަށެވެ.
މީގެ ކުރިން އެކި ފިކިރުތަކުގައި މަސައްކަތް ކުރެއްވި ލީޑަރުން މިއަދު އެކުވެ ތިބި ނަމަވެސް އެމީހުން ތިބީ ކޮން ފިކުރެއްގައިކަން ވެސް ނޭނގޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ދަތުރުކުރަމުންދާ މަންޒިލް ވެސް އެމީހުންނަށް ނޭނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު ހުރިހާ ސިޔާސީ ލީޑަރުން މި ފެންނަނީ ދަޅުގަ ބަންދުކުރާ އެކި ވައްތަރުގެ މަސް އެކުލެވޭ ކޮކްޓެއިލެއްގެ ގޮތުގަ. އެގަހު ކާއްޓެއް މިގަހު ކާއްޓެއް ފެންނަ ގޮތަކަށް ނޫން މި ފެންނަނީ ސިޔާސީ ވިސްނުން. އެހެންވީމަ އޭގެ މާނައަކީ ސިޔާސީ އައިޑިއޮލޮޖީ ސިޔާސީ ފިކުރު ނޫނީ އެމީހެއްގެ ފިކުރު އެމީހަކަށް ވެސް ނޭނގޭ ހިސާބުގައި އެބޭފުޅުން (އިދިކޮޅު ފަރާތްތައް) އެ ތިއްބެވީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުގެ ފިކުރާ މެދު ސުވާލު އުފެއްދި ނަމަވެސް ރައީސް ވަނީ ޕީޕީއެމް ސަރުކާރުގެ ވިސްނުމުގައި އެއްވެސް ކަހަލަ ކޫރުމެއް އަދި ދެބަސްވުމެއް ވެސް ނެތް ކަމަށް ވިދާޅުވެފައެވެ.
"..އަޅުގަނޑުމެންގެ ފިކުރު ސާބިތު. އަޅުގަނޑުމެންގެ ފިކުރުގަ އެއްވެސް ކަހަލަ ބްލާ ކަމެއް ނޫނިއްޔާ އެއްވެސް ކަހަލަ އޮޅުމެއް ނޫނިއްޔާ ކިރިޔާވެސް އުނދަގޫ ކަމެއް އަދިރިވާ ގޮތެއް ހިޔަންޏެއް މި ކަމެއް އަޅުގަނޑުމެންގެ ތެރޭގައެއް ނޫޅޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރަށް ވުމުން ސިޔާސީ ފަރާތްތަކުން ގިނަ ވައުދުތަކަކާ އެކު ރައްޔިތުން ކައިރިއަށް އަންނާނެ ކަމަށެވެ. ނަމަވެސް އެ އަންނަ ފަރާތްތަކުން ފުރަތަމަ ރައްޔިތުންނަށް ބުނެދޭން ޖެހޭނީ އެ މީހަކު ހުރި ފިކުރެއް ކަމަށާއި އިދިކޮޅު އެއްވެސް މީހަކަށް އެކަން ރައްޔިތުންނަށް ނުކޮށްދެވޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ގޮން ޖެއްސެވިއެވެ. އަދި ރަނގަޅަށް އިދިކޮޅު ފަރާތްތައް ބަލައިފި ނަމަ ފެންނާނީ ހުރިހާ ބާވަތެއް އެކުލެވޭ 'ކޮކްޓައިލް މަސްދަޅެއް' ގެ ގޮތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެއް ވިސްނުމެއްގައި އެއް ފިކުރެއްގައި ނޫނީ ތަރައްގީ ނުގެނެވޭނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ކިބައިން ފެންނަނީ ދުވާލަކު ވާހަކައެއް ދައްކާ މަންޒަރު ކަމަށާއި އޭގެ ތެރެއިން ދެ މީހަކު އެއްވާހަކަ އެއް ނުދައްކާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކަށް ފުރުސަތުދީފިނަމަ ތަރައްގީ މަޑުޖެހި ކޯޅުމެއްގެ ތެރެއަށް ރައްޔިތުން ވައްޓާލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން މަސައްކަތް ކުރަމުންދާނީ ވަކި ހުދޫދެއްގެ ތެރޭގައި ކަމަށާއި ދިވެހީންގެ ހުރިހާ ކަމެއް ވެސް ނިންމާނީ ދިވެހީންކަން މިއަދުގެ ސަރުކާރުން ފުރިހަމަ އަށް ގަބޫލުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.