އުފެއްދުންތެރި ހިޔާލުތައް ބޭނުން ކޮށްގެން ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރަން "ޕިކް މޯލްޑިވްސް" އިނީޝިއޭޓިވްއިން ނެރޭ "ޕިކް މޯލްޑިވްސް ޕިކްޗާ ސްޓޯރީ ބުކް" ނުވަތަ ފޮޓޯބުކް އަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ތައުރީފު ކުރައްވައިފި އެވެ.

ބިޒްނަސް ޓު ކަސްޓަމާ (ބީޓުސީ) އިނިޝިއޭޓިވްއެއް ގޮތަށް، ސީދާ ކަސްޓަމަރުންނަށް ރާއްޖެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ތައްޔާރުކުރެވިފައިވާ ޕިކް މޯލްޑިވްސް ބްރޭންޑުން އުފައްދާ އެ ފޮތަކީ ފަތުރުވެރި ތަންތަނުގެ ފޮޓޯއާ އެކު، ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިން އެތަންތަނާ މެދު ދެކޭ ގޮތް ބަޔާންކޮށް ލިޔެފައި ހުންނަ ރިވިއުތަކާ އެކު ނެރުމަށް ހަމަޖެހިފައިވާ ފޮތެކެވެ.

އެ ފޮތް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗް މަހު ޖެނުއަރީ މަހު އެވެ.

ޕިކް މޯލްޑިވްސްގެ ފޮތް ވުޖޫދަށް ގެނައި އަދި އެ އިނީޝިއޭޓިވްގެ ފައުންޑަރު ރިއާޔަތު އަބްދުލްމަޖީދާ މިއަދު ބައްދަލު ކުރައްވައި މިނިސްޓަރު ޒަމީރު ވަނީ ޕިކް މޯލްޑިވްސް އިނީޝިއޭޓިވް އަކީ މިވަގުތު ރާއްޖޭގެ ޓޫރިޒަމް ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

އަދި އެ އިނީޝިއޭޓިވް އަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ޒަމީރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު ރިއާޔަތު ވިދާޅުވީ، ބުރަކޮށް އުޅުއްވަމުން ވެސް ރާއްޖެ ޕްރޮމޯޓް ކުރުމަށް އޭނާ ފެށި މަސައްކަތް ޓޫރިޒަމް މިނިސްޓަރު ބަލައިގަތް ކަމީ އެކަމާ ވަރަށް އުފާކުރައްވާ އަދި ޝުކުރު އަދާ ކުރައްވާ ކަމެއް ކަމަށެވެ.

"ޕިކް މޯލްޑިވްސް" އިނީޝިއޭޓިވްއިން ނެރޭ "ޕިކް މޯލްޑިވްސް ޕިކްޗާ ސްޓޯރީ ބުކް"ގެ ޑިޒައިން ---

އަދި ރާއްޖޭގެ ޓޫރިޒަމަށް ދިމާވާ ގޮންޖެހުންތަކާ އެކު ވެސް މި ސިނާއަތު ކުރިއަރުވައި ތަރައްގީ ކުރެއްވުމަށް ޓޫރިޒަމް މިނިސްޓްރީ އާއި މިނިސްޓަރު ޒަމީރު ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ރިއާޔަތު ވިދާޅުވީ، މިނިސްޓަރު ޒަމީރުގެ އެއްބާރުލުން އެ އިނޭޝިއޭޓިވް އަށް ލިބުމަކީ އެކަމަށް ލިބުނު ހިތްވަރެއްގެ އިތުރަށް ޕިކް މޯލްޑިވްސް ފޮޓޯބުކް އަށް ވެސް އިތުރު ވެލިއުއެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ޕިކް މޯލްޑިވްސް އަށް މިއަދު ތައުރީފު ކުރެއްވި އިރު، އެ ބްރޭންޑު ވުޖޫދަށް އައިތާ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ފަރާތްތަކެއްގެ އިތުބާރު އެ ބްރޭންޑުން ވަނީ ހޯދައިފަ އެވެ.

އެގޮތުން މިހާރު ވެސް ޕިކް މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރުންގެ ގޮތުގައި ޑީއެޗްއެލް، ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ މޯލްޑިވްސް ޓީވީ އަދި އެމް ސެވަން ޕްރިންޓްސްގެ އިތުރުން ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) ވަނީ ފޮޓޯބުކްގައި ބައިވެރިވެފަ އެވެ.

އޭގެ އިތުރުން އޮންލައިން މީޑިއާ ސަޕޯޓް ފޯރުކޮށްދިނުމަށް ސަން މީޑިއާ ގްރޫޕުގެ ސަން އޮންލައިނާއި މަޓާޓޯ ވަނީ ޕިކް މޯލްޑިވްސްގެ ސަޕޯޓިން ޕާޓްނަރުން ގޮތުގައި ބައިވެރިވެފަ އެވެ.

އަދި ހަމައެއާ އެކު މިހާތަނަށް ވަރުގަދަ ރިސޯޓް، ހޮޓެލް ބްރޭންޑުތަކުން މިފޮތުގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ޕިކް މޯލްޑިވްސްގެ ފައުންޑަރ ރިޢާޔަތު ވަނީ ވިދާޅުވެފަ އެވެ.

ސުވެނިއާ ކޮލިޓީގައި މުޅި ދުނިޔެއަށް

ސުވެނިއާ ކޮލިޓީގައި ނެރޭ ޕިކް މޯލްޑިވްސްގެ ފޮޓޯ ފޮތް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަހަން ނިންމާފައިވަނީ ތަފާތު ތިން ގޮތަކަށެވެ.

އެގޮތުން ޕްރިމިއަމް ޑިސްޓިރިބިއުޝަންގެ ގޮތުގައި ފޮތް ބަހަން ނިންމާފައިވަނީ "އިންފުލުއެންސާ މާކެޓިން"ގެ ތެރެއިން ދުނިޔޭގެ ވަރުގަދަ ބްލޮގަރުންނާއި، ސޯޝަލް މީޑިއާގެ ނުފޫޒުގަދަ މީހުންނާއި ވީއައިޕީ ޓްރެވެލް ޖާނަލިސްޓުންނާއި ސެލެބްރިޓީޒް ހިމެނޭ ގޮތަށް 2000 އަށް ވުރެ ގިނަ ފަރާތްތަކުގެ އަތަށް ސީދާ ފޯރުކޮށްދެވޭނެ އެވެ.

ވީއައިޕީކޮށް އެ ފޮތް އެ ފަރާތްތަކަށް ފޯރުކޮށްދޭނީ ލޮޖިސްޓިކްސްގެ ދުނިޔޭގެ އެއްވަނަ ކުންފުނި ޑީއެޗްއެލް މެދުވެރިކޮށެވެ.

ޕިކް މޯލްޑިވްސް ފޮޓޯ ފޮތް ބަހަން ހަމަޖައްސާފައިވާ އަނެއް ދެ ގޮތަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ބައިނަލްއަގުވާމީ ބޮޑެތި ޓްރެވަލް ފެއާތަކުގައި އާއްމުންނަށް ހުޅުވައިލައިގެން ބާއްވާ ދުވަސްތަކުގަ އާއި ދުނިޔޭގެ އެކި ބައްރުތަކުން ހޮވާލެވޭ 20 ގައުމެއްގައި ޕިކް މޯލްޑިވެސްގެ ސަފީރުން މެދުވެރިކޮށެވެ.