24 Dec 2017, 15:15
މޮސްކޯ(24 ޑިސެމްބަރު): ރަޝިއާގެ އެންމެ ފަހުގެ އެސް-400 މިސައިލް ޑިފެންސް ސިސްޓަމްތައް އުތުރު ކޮރެއާ ކައިރީ ރުކުރުވައިލައިފި އެވެ.
އުތުރުކޮރެއާއާ 130 ކިލޯ މީޓަރު ކައިރީ، ރަޝިއާގެ އެންމެ އިރުމަތީ ވަލަޑިވޮސްޓޮކް ސަރަހައްދުގައި އެސް-400ގެ އިތުރު ސިސްޓަމްތައް ރުކުރުވައިލައިފައި މިވަނީ ކޮރެއާ ސަރަަހައްދުގެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވަމުންދާ ދަނޑިވަޅެއްގަ އެވެ.
ވްލަޑިވޮސްޓޮކްގައި ކުރިން އެސް -300 ގެ މިސައިލް ޑިފެންސް ސިސްޓަމް ހުރިިކަމުގައި ވިޔަސް އެ ސަރަަހައްދަށް މިއަހަރުގެ ކުރީކޮޅު ވަނީ އެސް-400 ގެ ސިސްޓަމްތައް ފޮނުވައިފަ އެވެ. އެސް -300 ސިސްޓަމުގައި 400 ކިލޯ މީޓަރުގެ ރާސްތާއެއް ހުރި ކަމުގައި ވިޔަސް އެންމެ ފަހުގެ ސިސްޓަމުގައި 600 ކިލޯ މީޓަރު ދުރުން މިސައިލް އަދި ބޯޓުތައް ހަލާކުކޮށްލުމުގެ ކުޅަދާނަކަން ލިބެގެން ވެ އެވެ.
ކޮރެއާ ސަރަހައްދު އެންމެ ފަހުން ހޫނުވެގެން ދިޔައީ މިދިޔަ ޖުލައި މަހު އުތުރުކޮރެއާ އިން އެންމެ އެޑްވާންސް ބެލެސްޓިކް މިސައިލްއެއް ޓެސްޓުކުރި ހިސާބުންނެވެ. އެއާ އެކު އެމެރިކާއާ ބައިނަލަގްވާމީ ގައުމުތައް ގުޅިގެން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.
ދަތި ކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އުތުރު ކޮރެއާ އިން ދަނީ ކެނޑިނޭޅި މިސައިލް ޓެސްޓުތައް ކުރަމުންނެވެ. މިދިޔަ ހުކުރު ދުވަހު ވެސް އދ. އިން ވަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.
އާ ފިޔަވަޅުތަކާ ގުޅިގެން އުތުރުކޮރެއާއިން ބުނީ އެއަމަލަކީ އެގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން ކަމަށެވެ.
އެމެރިކާ އިން ދަނީ ދެކުނު ކޮރެއާ ގުޅިގެން އުތުރު ކޮރެއާ ކައިރީ ދޭތެރެ ދޭތެރެއިން އަސްކަރީ ފަރިތަކުރުންތައް ބާއްވަމުންނެވެ. އެމެރިކާއާ ކޮރެއާއާ ދެންމެ ދެންމެ ހަނގުރާމައެއް ފެށިގެންދާނެ ކަމުގެ ބިރު މުރާސިލުން ދަނީ ދެމުންނެވެ.
ރަޝިއާ އިން ވަނީ އުތުރުކޮރެއާއާ އެމެރިކާއާ ދެމެދު ސުލްހައިގެ ވާހަކަތައް ބޭއްވުމަށް މެދުވެރިއެއްގެ ބައި އަދާކުރުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.
އުތުރުކޮރެއާގެ ކިބައިން ދިފާއުވުމަށް ކަމަށްބުނެ އެމެރިކާއާ ދެކުނު ކޮރެއާއާ ގުޅިގެން، ދެކުނު ކޮރެއާގައި ދަނި މިސައިލް ޑިފެންސް ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ މައްސަލާގައި ޗައިނާއާ ދެކުނު ކޮރެއާއާ ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ.
ޗައިނާއިން ބުނީ އެ ސިިސްޓަމަކީ އެމެރިކާއިން ޗައިނާ އަށް ޖާސޫސް ކުރުމަށް ހަރުކުރުމަށް ބަހައްޓާ ސިސްޓަމެއް ކަމަށެެވެ.
މަސްދަރު: އާރުޓީ