ނ. އަތޮޅު ހޮޅުދޫގައި ސަރުކާރުން ތަރައްގީކޮށްފައިވާ ބަނދަރު ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރަސްމީކޮށް މިއަދު ހުޅުއްވާދެއްވައިފިއެވެ.

ރައީސް ޔާމީން ހޮޅުދޫ ބަނދަރު ހުޅުވައިދެއްވީ މިއަދު މެންދުރުފަހު އެރަށަށް ވަޑައިގެންނެވެ.

މިއަދު ރައީސް ޔާމީން ހުޅުއްވާދެއްވި ބަނދަރަކީ 900 ފޫޓް ދިގު އަދި 200 ފޫޓް ފުޅާ ބަނދަރެކެވެ. އެ ބަނަދަރު ތަރައްގީކޮށްފައިވަނީ މޯލްޑިވްސް ޓާރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ.

އެމްޓީސީސީން ބުނީ ހޮޅުދޫގައި ތަރައްގީ ކުރި ބަނދަރަކީ 61 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ބަނދަރެއް ކަމަށެވެ. އަދި ބަނދަރު ހިމެނޭ މަގުވެސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމާފައިވާ ކަމަށާއި އެގޮތުން ބަނދަރު މަގުގައި ގައުޖެހައި ބައްތި ޖަހާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި ނ. އަތޮޅާއި ބ. އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން ޅ. ހިންނަވަރަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެމަނިކުފާނުގެ އަރިިހުގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.