24 Dec 2017, 14:23
ހދ. ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ހިއްކަންޖެހޭ ބިމުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި، ހަފްތާއެއްގެ ތެރޭގައި ބިންހިއްކައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފަ އެވެ. އެއީ އެރަށު ކުޅިން ނުވަ ހެކްޓަރާއި މޫދުން ހަ ހެކްޓަރެވެ.
އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހްމަދު ސައީދު މިއަދު 'ސަން' އަށް ވިދާޅުވީ، މިހާތަނަށް 12 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ.

ކުޅުދުއްފުށި އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ
"12 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފަ. ބާކީ ތިން ހެކްޓަރުގެ ބިން ހަފްތާއެއްހާ ދުވަސްތެރޭގަ ނިންމާލެވޭނެ،" ސައީދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދަނީ، އެކުންފުނިން ގެނައި ކޮންނަ ބޯޓު، މަހާޖައްރާފުންނެވެ. ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށްފަހު މަހާޖައްރާފު ދެން ހިއްކުމަށް ހަމަޖެހިފައިވަނީ ށ. ފުނަދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިމެވެ.
ސައީދު ވިދާޅުވީ، އަންނަ ޖެނުއަރީގެ ފުރަތަމަ ހަފްތާ ތެރޭގައި ފުނަދޫ ބިންހިއްކުމަށް މަހާޖައްރާފު އެރަށަށް ދާނެ ކަމަށެވެ.
ފުނަދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކުމަށްޓަކައި، އެ ސަރަހައްދުގައި ބަންޑްވޯލް ޖެހުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.