ރާއްޖޭގެ ކަންކަން ރަނގަޅުކުރަން ތިބޭނީ ހަމަ ދިވެހިން ކަމަށާއި އެކަމަށް "ދުރު ކަރައަކުން ބޮޑުބޭބެއެއް ނާންނާނެ" ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އުތުރުގެ ތިން އަތޮޅަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ނ. ހެނބަދުއަށް ވަޑައިގެން މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ މިހިނގާ އޮޔާއި ވައިގައި ފައިތިލަ ހަމަކޮށްލުމަކީ ދިވެހިންގެ އަޒުމަކަށް ވާންވާނެ ކަމަށެވެ.

ދިވެހިންނަށް ހެޔޮ އެދޭނީ ދިވެހިން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވީމާ ބޭރުގެ ބަޔަކު ދިވެހިންގެ ކަންކަން ރަނގަޅު ކުރަން އަންނާނެ ކަމަށް ގަބޫލު ނުކުރުމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ މި ދިގު ތާރީހުގައި އަޅުގަނޑުމެން ދެކިއްޖައިމު އެކި ފަހަރުމަތިން ބޭރުގެ ފަރާތްތަކުގެ ނުފޫޒު ރާއްޖެ އަށް ވަނީމާ ރާއްޖޭގެ ރައްޔިތުން އުޅެން ޖެހޭ ނިކަމެތިކަން. އެހެންވީމާ އަޅުގަނޑުމެން ބޭނުމެއް ނޫން ބޭރުން ގާނޫނާ ހިލާފަށް މި އަންނަ ނުފޫޒުތަކެއް،" ރައީސް ވިދާޅުވި އެވެ.

ދިވެހިންގެ ކަންކަން ނިންމާކަށް ފަރަންޖީންނަށް ދައުވަތުދޭން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ. ފަރަންޖީން ރާއްޖޭގައި ތިބި އިރު އިސްލާމްދީން ވެސް މިތަނުން ބީވެގެން ދިޔަ ކަމަށާއި "ގަދަކަމުން ކަރަށް ރާ އަޅާ ވާހަކަ ތާރީހުން ފެންނަން ހުރި" ކަމަށް ރައީސް ވިދާޅުވި އެވެ.

"ތަރައްގީ ގެންނަން ބޭނުން ނަމަ އެބަ ޖެހޭ އެކަމަށް ފާގަތި ވެއްޓެއް ތަރައްގީ ކުރަން،" ރައީސް ވިދާޅުވި އެވެ.

ސުލްހަވެރިކަމާ އެކު ގަނޫނަށް ތަބާވާ ގާނޫނާ ބޯލަނބާ ބަޔަކަށް ވެގެން ނޫނީ ފާގަތި ވެއްޓެއް ގާއިމް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ކަންކަން އިސްކުރާ މީހުންނަށް ވެގެން ނޫނީ ވެށި ފާގަތި ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޑިމޮކްރެސީގެ ވާހަކަ ދައްކަން ވަނީ ކުދި ކުދި ރަށްރަށް ބޭނުންވާ ތަރަށްގީ ގެނެސް ތަރަށްގީއާ އެއްކޮށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސިޔާސީ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ރައީސް ވިދާޅުވީ ތަރައްގީގެ ވާހަކަ ދައްކާ ނަމަ ނުވަތަ ގައުމީ ކަމެއްގެ ވާހަކަ ދައްކާ ނަމަ އަޑު އިވޭނެ ކަމަށެވެ.

"އެކަމަކު ވަކިތަނެގައި މުޒާހަރާ ނުކުރެވިގެން، މީހަކު ބަންދުގައި ހުރެގެން އޭނައާ މެދު ލުއިގޮތެއް ނުވެގެން އެވާހަކަ ދައްކާ ނަމަ އަޅުގަނޑު ކަންފަތުން ޖެހޭނި ވަރަށް ފުނަށް ވެސް ހަމަ މަޑުނަގަން." ރައީސް ވިދާޅުވި އެވެ.

ރަށްރަށަށް ބޭނުންވާ ތަރައްގީގެ ވާހަކަ ދައްކަން އިދިކޮޅު ފަރާތްތަކަށް ކެރިވަޑައި ނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ އެމީހުންގެ ވެރިކަމުގައި ތަރައްގީ ނުގެނެވި އޮތް ތަންތަނަށް ވުމުން ކަމަށް ވެސް ވިދާޅުވި އެވެ.