24 Dec 2017, 12:54
ރިޔާދު (24 ޑިސެމްބަރު): ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސައުދީ ޕްރިންސް އަދި މަޝްހޫރު ބިލިއަނަރު ޕްރިންސް ވަލީދު ބިން ތަލާލް ދޫކޮށްލާނީ ހަ ބިލިއަން ޑޮލަރު ދިނުމުން ކަމަށް ރިޕޯޓެއް ބުނެފި އެވެ.
އިތުބާރު ހުރި ފަރާތްތަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ ހަ ބިލިއަން ޑޮލަރު ދެއްކުމަށް ސައުދީން ދަނީ ވަލީދަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކުރަމުން ކަމަށެވެ.
ވޯލްސްޓްރީޓުން ބުނީ ޕްރިންސް ވަލީދު ހުންނެވީ މުޅިން ދޫދޭކަށް ނޫން ކަމަށާއި އަދި އޭނާ ބޭނުން ވަނީ އޭނާގެ ކުންފުނީގެ ބޮޑު ހިއްސާއެއް ސަރުކާރާ ހަވާލުކުރަން ކަމަށެވެ. ސަރުކާރަށް ބޮޑު ހިއްސާއެއް ދޭން ބޭނުން ވިޔަސް ވަލީދު ބޭނުންވެވަޑައިގެންނަވަނީ އޭނާގެ ކުންފުނީގެ އެންމެ އިސްމަގާމުގައި ހުންނަވަން ކަމަށެވެ.
"ވަލީދު ބޭނުންވެވަޑައިގެންނަވަނީ ފުރިހަމަ ތަހުގީގެއް ކުރަން. ވަލީދު ހުންނެވީ. މުހައްމަދު ބިން ސަލްމާންއަށް ދޫދޭގޮތަކަށް ނޫން." ވަލީދާ ގުޅުން އޮންނަ ވަކީލް ސަލާހް އަލްހެޖައިލާން ވިދާޅުވި އެވެ.
އަށާރަ ބިލިއަން ޑޮލަރު މިލްކިއްޔާތުގައި ހުރި ޕްރިންސް ވަލީދަކީ މުޅި މެދުއިރުމަތީގައި ވެސް ހުރި އެންމެ މުއްސަނދި ބޭފުޅާއެވެ. ވަލީދުގެ ހިއްސާ ދުނިޔޭގެ މަޝްހޫރު ފޯ ސީޒަން ހޮޓަލާއި، ސިޓީގްރޫޕާއި، އެޕަލް އަދި ޑިޒްނީގައި ހިމެނެ އެވެ.
ސައުދީގެ ވަލީއަހަދު މުހައްމަދު ބިން ސަލްމާން އަލް ސައުދު އިސްވެ އުފައްދަވައިފައިވާ އެންޓި ކޮރަޕްޝަނު ކޮމެޓީން އެގައުމުގެ އެތަކެއް ޕްރިންސުންނާއި ވަޒީރުންގެ އިތުރުން ވިޔަފާރިވެރިން ވެސް ހައްޔަރުރި އެވެ. ނަމަވެސް ފަހުން ގިނަ ބަޔަކު ސަރުކާރަށް ގިނަ އަދަދެއްގެ ފައިސާ ދެއްކުމުން ވަނީ ދޫކޮށްލައިފަ އެވެ.
މުހަައްމަދު ބިން ސަލްމާން ކޮރަޕްޝަނާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅު ވަރަށް އަގު ބޮޑު ތަކެތި އޭނާ ބައްލަވައިގަންނަވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ނިއު ޔޯކްޓައިމްސް އިން ބުނީ ޕެރިސް އިން ގެއެއް 300 މިލިއަން ޑޮލަރަށް މުހައްމަދު ބައްލަވައިގެންފައިވާ ކަމަށެވެ.
މަސްދަރު : ޕްރެސްޓީވީ