މުސްލިމުންގެ ފުރަތަމަ ގިބުލަ ކަމަށްވާ މަސްޖިދުލް އަޤްސާ ހިމާޔާތްކޮށް ރައްކާތެރިކުރުމަށް ޓަކައި އެންމެ ބޮޑު އެއް ގުރުބާނީއެއް ވަމުންދާ އެއް ލީޑަރަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާޅެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ އިސްލީމީ ވަހްދަތު ދެމެހެއްޓުމަށް ޓަކައި އދ.ގައި ނެގި ވޯޓުން ވެސް ދިވެހި ސަރުކާރުން ފަލަސްތީން ރައްޔިތުންނާ އެކު ސާބިތުކަމާ އެކު ތިބިކަން ފެނިގެންދާނެ ކަމަށާއި އެކަމުގެ މޭސްތިރިއަކީ ވެސް ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީނަކީ އިސްލާމީ މަތިވެރި އަގީދާގެ މަތީގައި ހުރި އިސްލާމީ ވެރިއެއް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެނެގެ ފުރަތަމަ ގިބުލަ މަސްޖިދުލް އަގްސާ ހިމާޔަތް ކުރުމަށް ޓަކައި ރައްކާތެރިކުރުމަށް ޓަކައި މިއަދު ދުނިޔޭގައި އެއް ލީޑަރެއްގެ ގޮތުގައި އެންމެ ވަރުގަދަ ގުރުބާނީއެއް ވަމުންދާ ބޭފުޅަކީ އިއްޒަތްތެރި ރައިސުލްޖުމްހޫރިއްޔާ. އާދެ މި ކަމާ މެދެކު ދިވެހި ރާއްޖޭގެ އެއްވެސް ރައްޔިތަކު ޝައްކެއް ނުކުރާނެ،" މައުރޫފް ވިދާޅުވި އެވެ.

ބައިނަލްގްވާމީ މައިދާނުގައި ރައީސްގެ މަސަތްކަތްފުޅަށް ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ތައުރީފްގެ ބަސްތައް އޮއްސަމުންދާ ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެފަދަ ރައީސަކާ އެކު ނޫނީ ދެވަނަ ދައުރަކަށް ދައުރުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

ރައީސްގެ މަސަތްކަތްތަކަށް ތައުރީފް ކުރައްވަމުން މައުރޫފް ވިދާޅުވީ ދިވެހި ތާރީހުގައި ވެސް ރައީސް ޔާމީން ވަރުގެ ރައީސަކު ފެނިފައިނުވާ ކަމަށާއި އިސްލާމް ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޓަކައި އެމަނިކުފާނު ކުރަމުންދާ މަސަތްކަތްތަކާ ގާތައް ވެސް އެހެން ވެރިއަކަށް މަސަތްކަތް ނުކުރެވޭ ކަމަށެވެ.

"އިސްލާމް ދީނަށް ނަސްރު ދިނުމުގައި އެމަނިކުފާނު ކުރަމުންދާ ޖިހާދުގައި އަޅުގަނޑުމެން އިބަޖެހޭ ބައިވެރިވާން،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް އެހެން ވިދާޅުވެފައިވާ އިރު ފަލަސްތީނުގެ ގުދުސަކީ އިސްރާއިލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ނިންމި ނިންމުމާ ދެކޮޅަށް އދ.ގެ ޖެނެރަލް އެސެމްބްލީއަށް ހުށަހަޅި ގަރާރު ރާއްޖެއިން ވަނީ ކޯ ސްޕޮންސާ ކޮށް ފަލްސްތީނާ އެއްކޮޅަށް ވޯޓް ދެއްވާފަ އެވެ.

"އަޅުގަނޑު މިއަދު ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސަތްކަތް މި ކުރަނީ އަޅުގަނޑުގެ ލީޑަރާއި އެކީގައި އެމަނިކުފާނު ގައުމަށް ގެންނަވާ ތަރައްގީއާ އެކު. އަޅުގަނޑުގެ އެއްވެސް އަމިއްލަ އެދުމެއް ބޭނުމެއް ނެތް."