އެމެރިކާގެ ޕޮޕް ރޮކް ބޭންޑް މެރޫން 5ގެ މެނޭޖަރު ޖޯޑަން ފްލެޑްސްޓެއިން،40، މަރުވެއްޖެ އެވެ.

ޖޯޑަންގެ މަރާ ގުޅިގެން އޭނާގެ އާއިލާ އިން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ ނޭވަޔަށް އުނދަގޫ ވާތީ ހުކުރު ދުވަހުގެ ވަގުތެއްގައި ޖޯޑަން 911 އަށް ގުޅި ކަމަށެވެ. ޕެރެމެޑިކްސް އައި އިރު އޭނާ ކާޑިއެކް އެރެސްޓަކަށް ގޮސްފައިވާ ކަމަށާއި އޭގެ ކުޑަ އިރުކޮޅެއް ފަހުން ޖޯޑަން މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.

ޖޯޑަން އަކީ މީގެ 15 އަހަރު ކުރިން މެރޫން 5 އުފެދުނު ދުވަހުން ފެށިގެން އެ ބޭންޑުގެ މެނޭޖަރެވެ. އޭނާ އަކީ ކެރިއާ އާޓިސްޓު މެނޭޖުމެންޓުގެ ސީއީއޯ ވެސްމެ އެވެ.

ހުކުރު ދުވަހު ޖޯޑަން މަރުވި އިރު، އޭނާގެ ދެ ކުދިން އެބަތިއްބެވެ. އާއިލާ އިން ވަނީ ހިތާމައިގެ މި ވަގުތު އެ އާއިލާގެ ޕްރައިވެސީ އަށް ތަންދިނުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.