24 Dec 2017, 13:06
ވޮޝިންގްޓަން (24 ޑިސެމްބަރު): އެމެރިކާ އިން ހަތް ޓްރިލިއަން ޑޮލަރު މެދުއިރުމަތީގެ ގައުމުތަކަށް ހަރަދުކުރީ އެއްވެސް ތާކުންތާކު ޖެހޭ ގޮތަކަށް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމަށް ތަރައްގީ ގެނައުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއާ ގުޅިގެން މަަސައްކަތްކުރާތަން ދެކެން ބޭނުންވެ ވަޑައިގެންނަވާ ކަމަށެވެ. އަދި ގައުމުގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ދެ ޕާޓީން ގުޅިގެން މަސައްކަތްކުރަން ފެށިދާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން ވަނީ މެދުއިރުމަތީގެ ގައުމުތަކަށް ހަތް ޓްރިލިއަން ޑޮލަރު އެއްވެސް ތާކުންތާކު ނުޖެހޭ ގޮތަށް ހަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރު މިހާރު މިއީ އެމެރިކާގެ އިގްތިސާދު ކޮޅަށް ޖެހުމަށް މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.
އެމެރިކާ އިން މެދުއިރުމައްޗަށް ކުރާ ބޮޑު ހޭދަ އަށް ޓްރަމްޕް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ދަނޑިވަޅު ޓްރަމްޕް ވަނީ ދާދި ފަހުން ނެގި ގުދުސްގެ ވޯޓުގައި އެމެރިކާއާ ދެކޮޅަށް ވޯޓުދޭ ފަރާތްތަކަށް އެމެރިކާ އިން ދޭ އެހީތައް ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
"އެމީހުން އަހަރެމެން އަތުން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ނަގާފައި ވެސް ވޯޓް އެ ދެނީ އަހަރެމެނާ ދެކޮޅަށް. އަހަރެމެން ދާނީ ވޯޓު ވަރަށް ގާތުން ބަލަމުން. އަހަރެމެނާ ދެކޮޅަށް ވޯޓު ދީފި ނަމަ ވަރަށް ގިނަ ފައިސާ ރައްކާކުރެވޭނެ،" ޓްރަމްޕް ވިދާޅުވި ކަމަށް ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވެ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު އެމެރިކާގެ ބްރައުން ޔުނިވާސިޓީ އިން ކުރި ދިރާސާއެއްގައި ބުނި ގޮތުގައި އެމެރިކާ އިން އިރާގާއި އަފްގާނިސްތާން އަދި ސީރިއާގައި ކުރި ހަނގުރަމާއަށް 3.6 ޓްރިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މި އަހަރު ނިމޭ އިރު އެ ހަނގުރާމައަށް 4.79 ޓްރިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
މަސްދަރު : އާރުޓީ