24 Dec 2017, 12:40
ސޯލް (ޑިސެމްބަރު 24): އދ. އިން އުތުރު ކޮރެއާއާ ދެކޮޅަށް އަނެއްކާ ވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ "ހަނގުރާމައިގެ އަމަލެއް" ކަމަށް އެގައުމުން ބުނެފި އެވެ.
އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން "ކޮރެއަން ޕެނިންސުލާގެ ހަމަޖެހުމާއީ ސުލްހަ ނައްތާލުމަށް އދ. އިން އަޅާ ފިޔަވަޅުތަކަކީ ހަނގުރާމައިގެ އަމަލެކެވެ.
"އަދި އެމެރިކާ އިން އެފިޔަވަޅުތައް އަޅަނީ "އުތުރު ކޮރެއާއިން ނިއުކްލިއާ ފައުޖެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާތީ ބިރުން." ކަމަށް އެބަޔާނުގައިވެ އެވެ.
މީގެ އިތުރުން އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާގެ ފަރާތުން އެގައުމަށް އޮތް ނުރައްކާ ނައްތާލުމަށާއި ގައުމު ދިފާއު ކުރުމަށް ޓަކައި ނިއުކްލިއާ ހަތިޔާރު އުފައްދަމުން ދާނެ ކަމަށް ވެސް ބުނެފަ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުން އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ އެގައުމުން ބެލިސްޓިކް މިސައިލްތައް ޓެސްޓު ކުރުމާ ގުޅިގެންނެވެ. އެމެރިކާ އިން ސަލާމަތީ މަޖިލީހަށް ހުށަހެޅި އެފިޔަވަޅުތަކުގެ ދަށުން ބޭރު ގައުމުތަކުގައި މަސައްކަތް ކުރާ އުތުރު ކޮރެއާގެ ރައްޔިތުން ދެ އަހަރު ތެރޭ އަނބުރާ ގައުމަށް ދާންޖެހޭނެ އެވެ. (ބީބީސީ)