24 Dec 2017, 10:35
ރެއާލް މެޑްރިޑްގެ އެންމެ ބޮޑު ވާދަވެރިޔާ ބާސެލޯނާ އަތުން ލަދުވެތި ގޮތަކަށް އިއްޔެ ބަލިވުމާ ގުޅިގެން ރެއާލް ވަރަށް ވަރުގަދަކޮށް އެނބުރި އަންނަން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ރެއާލްގެ ސަންތިއާގޯ ބެރްނަބެއުގައި ކުޅުނު މެޗުގައި ރެއާލްގެ މައްޗަށް ބާސާއިން ކުރި ހޯދާފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ސްޕެނިޝް ލަލީގާ ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި ހަތަރުވަނާގައި އޮތް ރެއާލްއާ ދެމެދު މިހާރު 14 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ ބަލިވުމަށް އެކަމުގެ މާޔޫސްކަން އިންތިހާ އަށް ޓީމުގެ ތެރޭގައި އެބައޮތް ކަމަށާއި ނަމަވެސް މެޗަށް ނެގި ފުރަތަމަ 11 އާ މެދު އެއްވެސް ދެރައެއް ނުވާ ކަމަށެވެ.
"އަހަރެމެން މެޗު ފެށީ ވަރަށް ރަނގަޅަށް. ފުރުސަތުތަކެއް ވެސް ތަނަވަސް ކުރި. ނަމަވެސް އޭގެ ބޭނުމެއް ނުހިފުނު. ދެވަނަ ހާފު ވެސް ފެށީ ރަނގަޅަށް. ނަމަވެސް ޑިފެންސުގައި ހެދުނު ގޯސްތަކެއްގެ ސަބަބުން ބާސާ ލަނޑު ޖެހީ. ދެވަނަ ލަނޑާ އެކު އެ މީހުން ކޮންޓްރޯލް ނެގީ. ދެން އަހަރެމެންނަށް ދެއްކި ރަތް ކާޑާއެކު މެޗު މުޅިން ބަދަލުވީ." ޒިދާން ބުންޏެވެ.
ޒިދާން ބުނީ ކުޅުންތެރިޔަކު މަދުން މުޅެން ޖެހުމުން ޖިސްމާނީ ގޮތުންނާއި ނަފްސނީ ގޮތުން ވެސް ޓީމަށް އުނދަގޫވި ކަމަށާއި މެޗުން ބަލިވުމުން ކުޅުންތެރިންގެ ހިތްވަރު އެލިފައިވާ ކަމަށެވެ.
"އަހަރެން ވަރަށް ދެރަވޭ. އެކަމަކު ދެ އަތް އެލުވައެއް ނުލާނަން. ރަނގަޅަށް އަރާމުކޮށް ކުރިއަށް ވުރެ ވަރުގަދަ ކޮށް އެނބުރި އަންނަން ޖެހޭނެ. ރެއާލް އަކީ ބަލި ގަބޫލު ކުރާ ޓީމެއް ނޫން." ޒިދާން ބުންޏެވެ.