24 Dec 2017, 11:51
ޕްރިންސެސް ޑަޔާނާގެ ދަރިކަލުން ޕްރިންސް ހެރީގެ ކައިވެނި އަންނަ އަހަރުގެ މެއި 19ގައި ކުރާ އިރު އެ ކައިވެނީގެ ކޮންމެ ކަމެއް ވެސް މީޑިއާގެ ފަލަ ސުރުހީ އަށް އަރާނެ އެވެ.
ޕްރިންސް ހެރީ އާ އެއްވަރަށް ހެރީގެ ލޯބިވެރިޔާ މޭގަން މާކަލް އަށް ވެސް މީޑިއާގެ ސަމާލުކަން ލިބޭނެ އެވެ. ކައިވެނީގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު ކައިވެނީގެ ހަފްލާގައި މޭގަން ތުރުކުރައްވާނީ ކާކު ޑިޒައިންކޮށްފައިވާ ހެދުމެއްތޯ މިއީ މިހާރު ގިނަ ބަޔަކު ކުރަމުން އަންނާނެ ސުވާލެކެވެ.
ކެންސިންޓަން ޕެލެސް އިން މިހާރު ވަނީ ކައިވެނީގެ ހެދުމުގެ ބައެއް ޑިޒައިންތައް އާންމުކޮށްފަ އެވެ. މޭގަންގެ ކައިވެނީގެ ހެދުން ޑިޒައިން ކުރާނީ އިސްރާއިލުގެ ޑިޒައިނަރެއްކަމަށްވާ އައިންބާލް ދްރޯރް ކަމަށް ހަބަރުތައް ބުނެ އެވެ.

އައިންބާލް އަކީ މަޝްހޫރު ސެލެބްރިޓީންގެ ރެޑް ކާޕެޓް ހެދުންތައް ޑިޒައިންކޮށްދީފައިވާ ޑިޒައިނަރެކެވެ. އޭނާގެ ހެދުންތައް ފާހަގަކުރެވެނީ "އެމްބްރޮއިޑަރީ"ގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ދައްކައިދޭ ޑިޒައިންތަކެއްގެ ގޮތުގަ އެވެ.
އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ 2016 ވަނަ އަހަރު ގްރޭމީ އެވޯޑްސްގައި ބިޔޯންސޭ ލައިގެން ހުރި ހެދުމެވެ.

މޭގަންގެ ކައިވެންޏަށް ޑިޒައިންކޮށްފައިވާ ތިން ހެދުމެއް އާންމުވެފައިވާ އިރު ތިން ހެދުމަކީ ވެސް ލޭސްގެ މަސައްކަތް ދައްކައިދޭ ހެދުންތަކެކެވެ. ތިން ހެދުމުގެ ތެރެއިން އެއް ހެދުމަކީ "ބޯލް ގައުން"ގެ ޑިޒައިންއަށް ފަރުމާކޮށްފައިވާ ހެދުމެކެވެ.

އައިންބާލް ދްރޯރް އަކީ އޭނާގެ ކްލައިއަންޓުންނާ އެކު ގާތްކޮށް މަސައްކަތް ކުރާ ޑިޒައިނަރަކަށްވާ އިރު މޭގަންގެ ހެދުމުގެ ދެ ޑިޒައިންއެއްގައި "މޭގަން މާކަލް އަށް ލޯތްބާއެކު" ޖަހާފައިވެ އެވެ.
ޕްރިންސް ހެރީ،33، އާއި ހޮލީވުޑްގެ ކުޅަދާނަ ބަތަލާ މޭގަން މާކަލް،36، ރަސްމީކޮށް އެންޖޭގްވެފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު ކަމަށް ކެންސިންޓަން ޕެލެސް އިން ބުނެ އެވެ.
ޕްރިންސް ހެރީގެ ކައިވެނި މެއި 19 އަށް ތާވަލް ކޮށްފައިވާ އިރު އެ ދެބޭފުޅުން ކައިވެނި ކުރައްވާނީ ސެއިންޓް ޖޯޖުގެވިންޑްސާ ކާސްލްގަ އެވެ. ކައިވެންޏަށް ފަހު ޕްރިންސް ހެރީގެ ދެކަނބަލުން ދިރިއުޅުއްވާނީ ކެންސިންޓަން ޕެލެސްގައި ހުންނަ ނޮޓިންހަމް ކޮޓެޖްގަ އެވެ.
ކައިވެނީގެ ހަރަދުތައް ކުރުމަށް ހަމަޖެހިފައި ވަނީ ޝާހީ އާއިލާގެ ފަރާތުންނެވެ.