ނ. މާޅެންދޫގައި އަލަށް ތަރައްގީ ކުރި ބަނދަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރަސްމީކޮށް ހުޅުއްވާދެއްވައިފި އެވެ.

އުތުރުގެ ތިން އަތޮޅަކަށް ރައީސް ޔާމީން ކުރައްވަމުން ގެންދާވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލް، މާޅެންދުއަށް ވަޑައިގެންނެވި އިރު އެމަނިކުފާނުގެ އަރިހުގައި މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލައިންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެ ރަށަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުއްވާދެއްވި އިރު އެ ބަނދަރަކީ 26 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ބަނދަރެކެވެ.

ދިގުމިނުގައި 800 ފޫޓް އަދި ފުޅާ މިނުގައި 250 ފުޓް ހުންނަ އެ ބަނދަރު ތަރައްގީ ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ.

އެމްޓީސީސީން ބުނީ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ އެ ބަނދަރު ވަށައިގެން ބޮޑު ހިލަ ޖަހާފައިވާ އިރު ބަނދަރު ހިމެނޭ ސަރަހައްދުގެ މަގުމަތީގައި ވަނީ ގައު ޖަހައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ކަމަށެވެ. އަދި ބަނދަރު ސަރަހައްދުގައި ބައްތި ޖެހުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފެށި އެ މަސައްކަތް ނިންމާލީ މި މަހުގެ ކުރީ ކޮޅު އެވެ.

އާބާދީގައި 900 މީހުން ދިރިއުޅޭ މާޅެންދޫއަށް ރައީސް ކުރައްވާ ޒިޔާރަތުގައި ސައުދީ ސަރުކާރުގެ އެހީގައި ހަދާފައިވާ މިސްކިތެއް ވެސް ވަނީ ހުޅުވައިދެއްވުމަށް ހަމަޖެހިފަ އެވެ. އަދި އެ ރަށު ރައްޔިތުންނާ ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.