24 Dec 2017, 10:29
ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް އެކި ރަށްރަށުގައި ބަނދަރު ހެދުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު އަހަރު 47 ބަނދަރެއް ހެދުމަށް 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަަމަށެވެ.
އެގޮތުން 2014 ވަނަ އަހަރު ނުވަ ބަނދަރެއް ހެދުމަށް 284 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި 2015 ވަނަ އަހަރު ނުވަ ބަނދަރު ހެދުމަށް ވަނީ 315 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި 2016 ވަނަ އަހަރު 12 ބަނދަރެއް ހެދުމަށް 402 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށާއި އަދި މި އަހަރު މިހާތަނަށް 17 ބަނދަރެއް ހެދުމަށް 614 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި 47 ބަނދަރެއް ހެދުމަށް 1.6 ބިލިއަން ރުފިޔާ ހަރަދުވި އިރު، 31 ބަނދަރެއްގެ މަސަތްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ 31 ބަނދަރު ހެދުމަށް 900 މިލިއަން ރުފިޔާ ހަރުދުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ތެރޭގައި 78 ބަނދަރު ހެދުމަށް 2.5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ބަނދަރު ހެދުމަކީ މިސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި ވެސް ވަނީ 75 ބަނދަރު ހެދުމަށް 2،7 ބިލިއަން ރުފިޔާ ހިމަނައިފަ އެވެ.