10 Aug 2011, 14:58
މޯލްޑިވްސް ބްރޯޑްކާސްޓް ކޯޕަރޭޝަން (އެމްބީސީގެ) މައްސަލައަކީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވެފައިވާ މައްސަލައެއް ކަމަށާއި އެ ހިޔާލު ތަފާތު ވުމުގެ އިތުރުން އެއީ ކޯޓުގައި އޮތް މައްސަލައަކަށް ވާތީ އެމްބީސީއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓް ދޫނުކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒު ވިދާޅުވެއްޖެ އެވެ.
އިނާޒް ވިދާޅުވީ، ސަރުކާރުގެ ކުންފުންޏަކުން މިހާރު ވެސް މީޑިޔާގެ ހިދުމަތް "ހަމަހަމަ ކަމާ އެކު" ދެމުން ގެންދާއިރު ގާނޫނަކުން ވިޔަސް އެފަދަ އިތުރު ކުންފުންޏެއް ހަދައިގެން އެތަނަށް ބަޖެޓް ދިނުމަކީ ރައްޔިތުންގެ ފައިސާ އިން ކުރެވޭ އިސްރާފެއް ކަމަށެވެ. އަދި އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އެމްބީސީއަށް ބަޖެޓް ނުދީ ހިފެހެއްޓުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނަކުން އުފައްދާފައިވާ މުއައްސަސާއަކީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް އުފައްދާފައިވާ މުއައްސަސާއަކަށްވެފައި އެއީ ދައުލަތުގެ ވެސް މުއައްސަސާއަކަށް ވާއިރު އެމްބީސީއަށް މަޖިލީހުން ކަނޑައެޅި 95 މިލިޔަން ރުފިޔާގެ ބަޖެޓް ނުދީ ސަރުކާރުން އުރައްދާފައިވާ އެމްއެންބީސީއަށް 100 މިލިޔަން ރުފިޔާ ދޫކުރީ ކީއްވެގެންތޯ މެންބަރުން އެއްސެވުމުން އިނާޒް ވިދާޅުވީ، އެމްއެންބީސީއަށް ދޫކޮށްފައި ވަނީ ލޯނު ކަމަށެވެ. އަދި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެއް ނެގެހެއްޓުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އިނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއެންބީސީ އަށް ފައިސާ ދޫކުރެވޭނީ ވެސް މަސައްކަތެއް ކުރެވިގެން ޕްލޭނެއް ހުށަހެޅިގެން ކަމަށެވެ. ނަމަވެސް ގާނޫނަކުން އުފައްދާފައިވާ މުއައްސަސާއަކަށް ވިޔަސް އެތަނެއްގެ ޕްލޭން ރޭވުމާއި ކުރަން ޖެހޭ މަސައްކަތް ކުރުމަށް ބޭނުންވާ ތަނާއި މުވައްޒިފުން ކަންތައް ހަމަޖައްސަން ވެސް ބަޖެޓްދޭން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ގޮތަކަށް ފައިސާ ހަރަދު ކުރުމާ މެދު ވިސްނޭނީ ވެސް މިހާރު މަޖިލީހުގައި މިހާރު އޮތް ޓެކްސް ބިލްތައް ފާސްކުރުމުން ކަމަށް ވެސް އިނާޒް ވިދާޅުވި އެވެ.
ގާނޫނުތަކުން ދޭން ބުނާ ފައިސާ ހިފެހެއްޓުމަށް ފަހު ސަރުކާރުން އުފައްދާ ސިޔާސީ މަގާމުތަކަށް ފައިސާ ދޫލުރައްވަނީ ކީއްވެގެންތޯ، މެންބަރު ދެންނެވުމުން އިނާޒް ވިދާޅުވީ، ދައުލަތުގެ މުޅި ބަޖެޓްގެ 40 ޕަސެންޓް ހަރަދު ވަނީ މުސާރަތަކަށް ކަމަށް ވިޔަސް އޭގެ ތެރެއިން ސިޔާސީ ބޭފުޅުންނަށް ހަރަދު ވަނީ ތިން ޕަސެންޓް ކަމަށެވެ.
ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ފިނޭންސް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން ތަކުރާރުކޮށް މެންބަރުން ވިދާޅުވަމުން ގެންދެވީ، ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތަކަށް ސަރުކާރުން ކިޔަމަންވާން ޖެހޭނެ ކަމަށާއި، އެމްބީސީއަށް ދިނުމަށް ފާސްކޮށްފައިވާ ބަޖެޓް ފިނޭންސް މިނިސްޓަރަށް ނުހިފޭއްޓޭނެ ކަމަށެވެ.
ކޮމިޓީގައި އިދިކޮޅު ފަރާތްތަކުން މިނިސްޓަރާ ސުވާލު ކުރައްވަމުން ގެންދެވިރު، އޭގެ ތެރެއިން ބައެއް ސުވާލުތަކަކީ ކުރެވޭނެ ސުވާލުތަކެއްނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އަޑުގަދަ ކުރައްވައިފަ އެވެ. އަދި ސުވާލު އޮޅުން ނުފިލި ކަމަށާއި މައްސަލައާ ގުޅޭ ސުވާލެއް ނޫން ކަމަށް ވިދާޅުވެ އެ މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ނުދެއްވުމަށް ވެސް އެމްޑީޕީގެ ބައެއް މެންބަރުން މިނިސްޓަރަށް ދަންނަވަމުން ގެންދެވި އެވެ. އެގޮތުން އެމްޑީޕީގެ ވަގުތީ ޗެއާ ޕާސަންގެ މަގާމުގައި ހުންނެވި ރީކޯ މޫސާ މަނިކުގެ ކުންފުންޏަކަށް ދީފައިވާ ލޯނަކާ ބެހޭ ގޮތުންނާއި މޫސަގެ އަމިއްލަ ކުންފުނި ހެވީ ލޯޑަށް ފިނޭންސް މިނިސްޓްރީން ދިން ކޮމްފަޓް ލެޓާއަކާ ބެހޭ ތަފްސީލް މިނިސްޓަރު ކޮމިޓީއަށް ދެއްވާފައެއްނުވެ އެވެ.