އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތު ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ އެއްވަނާގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 0-4 ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ސިޓީ ތާވަލުގެ އެއްވަނާގައި އޮތީ 55 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 42 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަ ލީގުގައި މެންޗެސްޓާ ސިޓީ އާއި ބޯންމައުތް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ރޭގެ މެޗުގެ 27 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ ސިޓީ އަށް ލީޑު ނަގާދީފަ އެވެ. މިއީ ސިޓީގެ ދަނޑުގައި ކުޅެ އަގުއެރޯ ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. ސިޓީގެ ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. އަދި ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓްގައި އަގުއެރޯ ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ޑެނީލޯ އެވެ.

މިއީ ލީގުގައި ޖެހިޖެހިގެން ސިޓީ މޮޅުވި 17 ވަނަ މެޗެވެ.

ލީގުގައި ރޭ ހެރީ މެގުއާ ފަހު މިނެޓުގައި ކާމިޔާބުކުރި ލަނޑާ އެކު ލެސްޓަ ސިޓީން ވަނީ މެންޗެސްޓާ ޔުނައިޓެޑް ހިފަހައްޓައިފަ އެވެ. ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު ނިމިފައި ވަނީ 2-2ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

އިނގިރޭސި ޕްރިމިއަ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލެސްޓާ އިންނެވެ. ރިޔާދް މަރޭޒް ދިން ޕާހަކުން މި ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޭމީ ވާޑީއެވެ. ލެސްޓާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް މެޗުގެ 40 ވަނަ މިނެޓްގައި ހުއާން މާޓާ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑަށް ލިބުނު ހިލޭޖެހުމަކުން މެޗުގެ 60 ވަނަ މިނެޓްގައި މާޓާ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މެޗުގެ 73 ވަނަ މިނެޓްގައި ލެސްޓާގެ އަމާޓޭ އަށް ރަތްކާޑު ދެއްކުމުން މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ. ދިހަ ކުޅުންތެރިންނާ އެކު ކުޅެ ލެސްޓާ އަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ އެންމެ ފަހު މިނެޓްގައި މެގުއާ އެވެ.