ޖައިޕޫރު (ޑިސެމްބަރު 24): އިންޑިއާގެ ރާޖަސްތާނުގައި 50 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ބަހެއް ބްރިޖަކުން ވެއްޓި 33 މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ރާޖަސްތާނުގެ ސަވާއީ މަދޮޕޫރު ޑިސްޓްރިކްޓުގައި އިއްޔެ އެ ހާދިސާ ހިނގީ 16 އަހަރުގެ ކުއްޖަކު ބަސް ދުއްވާފައި ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. އަދި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި އޭގެ ތެރޭގައި ބަސް ދުއްވަން އިން ކުއްޖާ ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކުން ބުނި ގޮތުގައި އެ ހާދިސާގައި ގިނަ މީހުން މަރުވެފައި ވަނީ ބަސް ކޯރު ތެރެއަށް ވެއްޓުމުން ގެނބިގެންނެވެ.

އިންޑިއާގައި މަގުތަކުގައި އެކްސިޑެންޓުތައް ހިނގުމަކީ އާއްމުކަމެކެވެ. އެގޮތުން ކޮންމެ ހަތަރު މިނިޓަކު އެކްސިޑެންޓެއް ހިނގާ ކަމަށާއި އޭގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރުމާއި އުޅަނދާއި މަގުތަކުގެ ހާލަތު ހިމެނޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުންޏެވެ. (ބީބީސީ)