އިންޓަނޭޝަނަލް ޔޫތު ކޮމިޓީ (އައިވައިސީ)ގެ ނައިބް ރައީސާ އަކަށް ރާއްޖެއާ އަދި ސަރަހައްދީ ފެންވަރެއްގައި ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދޭން މަސައްކަތް ކުރައްވާ އައިޝަތު ރަފިއްޔާ (ރަފީ) ހޮވިއްޖެ އެވެ.

އިންޑީއާގައި މައި އޮފީސް ހުންނަ އައިވައިސީގެ ނާއިބު ރައީސާއަކަށް ދިވެއްސަކު ހޮވުނު މިއީ ފުރަތަމަ ފަހަރެވެ. އެ ޖަމިއްޔާގައި ރާއްޖެ ހިމެނޭ ގޮތަށް 57 ގައުމު ބައިވެރިވެ އެވެ.

އެ މަގާމަށް ހޮވިވަޑައިގަތުމާ ގުޅިގެން ރަފީ "ސަން" އަށް ވިދާޅުވީ އައިވައިސީގެ ނައިބު ރައިސާގެ ހައިސިއްޔަތުން ޒުވާނުންނަށް ހިދުމަތް ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށާއި ކުރިއަށް އޮތް ތަނުގައި މި ސަރަހައްދުގެ ޒުވާނުންނަށް ވެސް ތަފާތު ފުރުޞަތުތައް ހޯދައިދިނުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

"އައިވައިސީގެ މެމްބަރުންނަށް އިތުރު ފުރުޞަތުތަކެއް ހޯދައިދެވޭތޯ މަސައްކަތް ކުރާނަން. އަދި ދިވެހި ޒުވާނުންނަށް އެ ޖަމިއްޔާ މެދުވެރިކޮށް ފައިދާ ކުރުވަނިވި ފުރުޞަތުތަކެއް ލިއްބައިދެވޯތޯ ވެސް މަސައްކަތް ކުރާނަން. މިއީ ޒުވާނުންނަށް ހިދުމަތް ކުރުމަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއް،" ޒުވާނުން ބާރުވެރިކުރުވުމަށް އިސްކަމެއްދީގެން ރީޖަނަލް އެލަޔަންސް ފޮ ފޮސްޓެރިން ޔޫތު (ރަފީ)ގެ ނަމުގައި އަމިއްލަ ޖަމުއްޔާއެއް ހިންގަވާ ރަފީ ވިދާޅުވި އެވެ.

އައިވައިސީގައި މިހާރު ވެސް 300،000 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭއިރު ރަފީ މިވީހާ ތަނަށް ހުންނެވީ އެ ޖަމުއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރުގެ މަގާމުގަ އެވެ. އަދި 2017 ވަނަ އަހަރު އޭނާއަށް ވަނީ އެންމެ ރަނގަޅު ކަންޓްރީ އެމްބެސެޑަރުގެ މަގާމު ލިބިވަޑައިގަނެފަ އެވެ.

ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަ ކޮށްލެވޭ އެކިއެކި ފޯރަމްތަކާއި ސަމިޓްތައް ބާއްވާފައިވާ އައިވައިސީ ޖަމިއްޔާއަކީ 10 އަހަރުވެފައިވާ ޖަމިއްޔާއެކެވެ.