23 Dec 2017, 21:36
ދިވެހިރާއްޖޭގައި 300 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މެލޭޝިއާގެ ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު ބިން ތުން ހާޖީ އަބްދުލް ރައްޒާގު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކަން އިއުލާންކުރެއްވީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ކުރު ހުލާސާ ވީޑިއޯއެއްގައެވެ. ނަޖީބްގެ ރަސްމީ ޓުވީޓާ އެކައުންޓުން އާންމުކޮށްފައިވާ އެ ވީޑިއޯގައި، ރާއްޖޭގައި ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ހުލާސާއެއް ދެއްވާފަައިވެއެވެ.
މެލޭޝިއާގެ ގައުމީ ބަހުން އާންމުކުރެއްވި އެ ވީޑިއޯގައި ބުނެފައިވަނީ، ރާއްޖެއިން އެމަނިކުފާނަށް ދެންނެވީ ހޫނު މަރުހަބާއެއް ކަމަށާއި އެކަމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އިމާރާތްކުރުމުގެ ދާއިރާގެ ގިނަ މަޝްރޫއުތަކުން މެލޭޝިއާގެ ކުންފުނިތަކަށް ފަހި ފުރުސަތުތަކެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ، އެ ދަތުރަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެ ކަމަށާއި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހުރި ބައެއް ޕްރޮޖެކްޓްތަކުން މެލޭޝިއާ ކުންފުނިތަކަށް ފުރުސަތު ލިބިގެން ހިނގައްޖެ ކަމަށެވެ.
އެ ފުރުސަތުތަކުގެ ތެރެއިން ބައެއް ކަންކަން ފާހަގަކުރައްވަމުން ބޮޑުވަޒީރު ނަޖީބް ވިދާޅުވީ، 300 އެނދުގެ ހޮސްޕިޓަލެއް ރާއްޖޭގައި ތަރައްގީކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ.
އެމަނިކުފާނުގެ އެ ވީޑިއޯ ބަޔާނުގައި ރާއްޖެއިން ކުރިއަށް އޮތްތަނުގައި މެލޭޝިއާގެ ކިބައިން އެދޭ ކަންތައްތައް ކޮށްދެއްވާނެ ކަމަށާއި ހުރިހާ ދާއިރާއަކުންވެސް މެލޭޝިއާ އޮތީ އެހީތެރިވުމަށް ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތުގެ މަޝްރޫއު ނިންމުމަށް އެހީތެރިކަން ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ ހަފްތާތެރޭގައި މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގެން ކުރެއްވި ރަސްމީ މަޝްވަރާތަކަށްފަހު ވިދާޅުވީ، ރާއްޖެއަކީ މިހާރު ދުނިޔޭގައި ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމު ކަމަށާއި ދިމާވާ ގޮންޖެހުންތަކާއެކު ވެސް އެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ބޮޑު ކާމިޔާބީއާ މެދު އަޖައިބުވެވަޑައިގަންނަވާ ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުންތައް ހޯދިގޮތް މެލޭޝިއާއިން ދަސްކުރަން ބޭނުންވާ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މެލޭޝިއާގެ ކުންފުނިތަކަށް ފުރުސަތު ލިބުމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުވަޒީރު ނަޖީބު ރައްޒާގު ވަނީ ދިވެހި ސިވިލް ސާވަންޓުންނަށް ކުރު މުއްދަތުގެ ތަމްރީނާ ތަޖުރިބާގެ ފުރުސަތުތައް ކުރިއަށް އޮތްތަނުގައި ފަހިކޮށްދޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި މެލޭޝިއާގައި ތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނަޖީބު ވިދާޅުވިއެވެ.
ގުޅިފައިވާ ބަޔާނުގައި މެލޭޝިއާ އަދި ރާއްޖޭގެ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، އދ. ގައި ކުރިއަށްގެންދާ މުހިންމު ކަންތައްތަކުގައި މެލޭޝިއާއިން ރާއްޖެއަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
މެލޭޝިއާއަކީ ރާއްޖެއަށް އިގްތިސާދީ ގޮތުން ބޮޑެތި އެހީތައް ދެމުން އަންނަ ގައުމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެ އައިސް ރާއްޖޭގައި އިންވެސްޓްކުރަން ހުރި ދާއިރާތައް ބަލާނެކަމުގެ އުންމީދުކުރައްވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ދެ ގައުމުގެ ޕްރައިވެޓް ސެކްޓާގެ ގުޅުން ބަދަހިކޮށް ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް މެލޭޝިއާގެ އެހީތެރިކަން ހޯދުމަށް ދަތުރުފުޅުގެ ތެރެއިން މަޝްވަރާ ކުރެއްވި ކަމަށެވެ.
އޭގެ އިތުރުން ދަތުރުފުޅުގައި ރާއްޖެއާއި މެލޭޝިއާއާ ދެ ގައުމުގެ ދެމެދުގައި ވަނީ ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. ދެ ގައުމުގެ ދެމެދު ސޮއިކުރި އެއްބަސްވުންތަކަކީ:
ރާއްޖޭގެ ސަގާފީ މަރުކަޒެއް ގާއިމް ކުރުމުގެ އެއްބަސްވުން
- ފަޔާ ފައިޓަރުން ތަމްރީން ކުރުމާ ބެހޭ އެއްބަސްވުން
- މަތީ ތައުލީމަށް އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުން
- ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުން
ނަޖީބް ރައްޒާގްގެ ދަތުރުފުޅު ނިންމާލުމަށްފަހު ފުރާވަޑައިގަތީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.