10 Aug 2011, 14:38
ދައުލަތުގެ މާލީ އަދި އިގުތިސާދީ އިސްލާހުގެ އިފްތިތާހީ ދަރުބާރު، މި އޯގަސްޓް މަހުގެ 15 ވާ ހޯމަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނީ މި އިފްތިތާހީ ދަރުބާރުގައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިދަރުބާރަކީ ރާއްޖޭގެ އިގުތިސާދީ އެންމެހާ ކަންކަމާއި އަދި މާލީ ސިޔާސަތަށް ގެންނެވުމަށް ރައީސް ނަޝީދު އިސްނަންގަވައި، ސަރުކާރުން ހުށަހަޅާފައިވާ އެންމެހާ ބަދަލުތަކާއި، އަދި ކަމާގުޅޭ ގާނޫނީ ބިލްތަކުގެ މައްޗަށް ރައްޔިތުންނާއި އަދި ކަމާބެހޭ ފަރާތްތައް މަޝްވަރާކޮށް، ހޭލުންތެރިވުމުގެ ފުރުސަތު، އާންމުކޮށް ހުޅުވާލުމުގެ ދަރުބާރެވެ.
މި ދަރުބާރުގައި މާލީ އަދި އިގުތިސާދީ އިސްލާހާ ގުޅޭގޮތުން ރައްޔިތުންނަށް ބޭނުންވާނެ އެންމެހާ މައުލޫމާތު ހިމެނޭ ގޮތަށް އެކުލަވައިލެވިފައިވާ ފޮތެއް ރައީސް ނެރެދެއްވާނެ އެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ އިގުތިސާދާއި މާލިއްޔަތަށް އަންނަ ހެޔޮ ބަދަލުގެ ސަބަބުން ދިވެހި ދައުލަތާއި ދިވެހި ރައްޔިތުން ފޯރުންތެރިވުމަކީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެހާ ހިދްމަތްތައް، މިހާރަށްވުރެ އެތައް ގުނައަކުން ހަލުވިވެގެންދާނެ ކަމެއް ކަމުގައި ސަރުކާރުން ދެކޭ ކަމަށެވެ. އަދި މިކަމަށް ވިޔަފާރިވެރިންނާއި، މުޖްތަމައުގެ ތަފާތު ގިންތިތަކާއި، ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކުގެ ވަރަށްބޮޑު ތާއީދާއި އެއްބާރުލުން ލިބެމުން އަންނަ ކަމަށްވެސް ބުންޏެވެ.
ރައީސް ނަޝީދުގެ އިތުރުން އެދަރުބާރުގައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، ކައުންސިލްތަކުގެ މެންބަރުންނާއި، ރާއްޖޭގެ މާލީ އަދި އިގުތިސާދީ ދާއިރާގެ ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.