އަކްޝޭ ކުމާރާ އެކީ ބޮލީވުޑްގެ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ހޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި ވިލް ސްމިތް ބުނެފިއެވެ.

ވިލް ސްމިތު ބުނީ އަބަދުވެސް ބޮލީވުޑް ފިލްމްތައް ކުޅެން ބޭނުންވާ ކަމަށާއި އަކްޝޭ އާ އެކީ ފިލްމެއް ކުޅެން ވަރަށް ބޭނުންވާ ކަމަށެވެ.

"އިންޑިއާއަކީ އަހަރެން އަބަދުވެސް އެންމެ ލޯބިވާ އެއް ގައުމު. އިންޑިއާއަކީ ވަރަށް އެޑްވެންޗަރަސް ގައުމެއް. އަކްޝޭ އާ އެކީ ފިލްމެއް ކުޅެލަން ބޭނުން. އޭނާ އަކީ އަހަރެންގެ ވަރަށްވެސް ގާތް އެކުވެރިއެއް. އެއީ އަހަރެންގެ ފޭވަރިޓެއް ވެސްމެ،" އޭނާ ބުންޏެވެ.

ވިލް ބުނީ އިންޑިއާއަކީ ވަރަށް ވެސް ތަފާތު ގައުމެއްކަމަށެވެ. ގައުމުގެ ސަގާފަތް އޭނާއަށް ވަރަށް ކަމުދާ ކަމަށާއި އިންޑިއާގެ ތާރީހުގެ ހުރިހާ ކަންތައްތަކެއް އެނގެން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެމެރިކާއަށް ނިސްބަތްވާ އެކްޓަރު ބުނީ އަކްޝޭގެ އިތުރުން އޭނާ އަކީ އައިޝްވާރިޔާ ރާއީގެ ވެސް ވަރަށް ބޮޑު ފޭނެއް ކަމަށާއި އޭނާ އާ އެކީ ވެސް ފިލްމެއްގެ މަންޒަރަކުން ފެނިލަން ބޭނުންވާ ކަމަށެވެ.