ފުލުހުން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކ. މާފުށިން މަސްތުވާ ތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މާފުށީ ޕޮލިސް ސްޓޭޝަނުން އެ އޮޕަރޭޝަން ހިންގީ މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.

ފުލުހުން އެމީހާ ހައްޔަރު ކުރީ ރޭ 11:30 ހާއިރު މާފުށިންނެވެ. ފުލުހުން ބުނީ އޭނާ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވެ އެއްޗެސް ހުރި ފަސް ޖޫސްޕެޓީ ކޮތަޅު ފެނިފައިވާ ކަމަށެވެ.

އުމުރުން 28 އަހަރުގެ އެ ފިރިހެންމީހާގެ ބަންދަށް މާފުށީ ކޯޓުން ވަނީ 11 ދުވަސް ޖަހާފައެވެ.

މާފުށީގައި އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

މީގެ ދެމަސް ކުރިން މާފުށިން މަސްތުވާތަކެއްޗާ އެކު އަންހެނަކުވެސް ހައްޔަރުކޮށްފައިވެއެވެ. މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރިވެސް ކުރާ ރަށެކެވެ.