އައިފޯންތަކުގެ ސްޕީޑް ގަސްދުގައި ލަސްކުރާކަމަށް އެއްބަސްވުމުން އެޕަލްއާ ދެކޮޅަށް ދައުވާ ކުރަން ދެ ގްރޫޕަކުން ނިންމައިފިއެވެ.

އެޕަލް އިން ބުނީ ކުރީގެ އައިފޯން 6 ،6އެސް އަދި 7ގެ އައިފޯންތަކުގެ ސްޕީޑް ލަސްކޮށްފައިވަނީ އެ ފޯންތައް ގިނަދުވަހު ބޭނުންކުރެވޭނެ ގޮތް ހަދައި އަދި ބެޓެރި ގިނައިރު ހިފެހެއްޓުމުގެ ގޮތުން ކަމަށެވެ.

އެޕަލްއާ ދެކޮޅަށް ދައުވާކުރަނީ އެމެރިކާގެ ކެލިފޯނިއާ އަދި ޗިކާގޯ ސްޓޭޓްގެ ދެ ގްރޫޕަކުންނެވެ.

އައިފޯން ބޭނުންކުރާ މީހުންގެ ހައްގުގައި ވަކާލާތުކުރާ އެދެ އެގްރޫޕުން ބުނީ އެޕަލްގެ އެ އަމަލުގެ ސަބަބުން ގިނަ ބަޔަކަށް މާލީ ގޮތުން ގެއްލުންލިބިފައިވާ ކަމަށެވެ.

އެޕަލްއާ ދެކޮޅަށް ދައުވާކުރާ ޗިކާގޯގެ ގާނޫނީ ޓީމުގެ ވަކީލެއް ކަމަށްވާ ޖޭމްސް ވަހަކިސް ވިދާޅުވީ، އެޕަލްއިން އެގޮތަށް އަމަލުކުރިއިރު، އައިފޯނު ބޭނުންކުރާ މީހުންގެ ހުއްދަ ހޯދައިފައިނުވާ ކަމަށާއި އަދި އެއީ ގާނޫނާ ވެސް މުޅިން ހިލާފު އަމަލެއް ކަމަށެވެ.

ކެލިފޯނިއާގެ ގާނޫނީ ޓީމުގެެ ވަކީލު ސްޓެފަން ބޮގަނަވިޗް ވިދާޅުވީ އެޕަލްގެ އެ އަމަލުގެ ސަބަބުން އައިފޯނުގެ ބޭނުންތެރިކަން ގެއްލިއްޖެކަމަށެވެ.

އެޕަލްއާ ދެކޮޅަށް ދައުވާކުރާ ފަރާތްތަކުން ބުނަނީ އައިފޯނު ގަތުމަށް ހަރުދުކުރިވަރާ އަޅާބަލާއިރު އެ ފޯނުތައް އެހާ ބޭނުންތެރި ނޫން ކަމަށާއި އެހެން ކަމުން އެމީހުންނަށް ބަދަލު ނަގައި ދިނުމަށް އެދޭކަމަށެވެ.