ނިއުދިއްލީ (23 ޑިސެމްބަރު): އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ގުދުސް އެމެރިކާ އިން ބަލައިގެންފައިވާތީވެ، އެނިންމުން އަނބުރާ ގެންދިއުމަށް އެދި އދ. އެ އާންމު މަޖުލީހުގައި ނެގި ވޯޓުގައި އިންޑިއާ އިން އެއްކޮޅަށް ވޯޓުދިނުމުން އެ ގައުމުގެ ހަރުކަށި ހިންދޫން ރުޅިގަދަވެއްޖެ އެވެ،

ގުދުސްގެ ނިންމުން އަނބުރާ ގެންދިއުމަށް އެދި ހުށަހެޅި ގަރާރަށް އިންޑިއާއާ އެކު 127 ގައުމަކުން ވޯޓުދީ އެ ގަރާރު ވަނީ ފާސްކޮށްފަ އެވެ.

ނަމަވެސް އެ ނިންމުމާދު އިންޑިއާގެ ހަރުކަށި ހިންދޫން އަދި އެގައުމުގައި މިހާރު ވެރިކަން ކުރާ ބާރުތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ)ގެ ތެރޭގައި ވެސް ވަނީ ހިޔާލުތަފާތުވެފަ އެވެ.

ބީޖޭޕީގެ ޕާލިމަންޓު މެމްބަރެއް ކަމަށްވާ ސުބްރަމާނިއަން ސުވާމީ ވިދާލުވީ ގުދުސްގެ ގަރާރަށް ވޯޓު ދިނުމަކީ އިންޑިއާ އިން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"އެމެރިކާއާއި އިސްރާއިލުން ބޭނުންވާ ގޮތަށް ގުދުސްގެ ހުޅަނގުގަށް އެމްބަސީ ބަދަލުކުރުމާ ދެކޮޅަށް ހުށައެޅި ގަރާރާ އެއްކޮޅަށް ވޯޓު ދިނުމަކީ އިންޑިއާ އިން ހެދި ވަރަށް ބޮޑު ގޯހެއް. ޔަހޫދީންގެ އެންމެ މުގައްދަސް ބިން އދ. އިން އެވަނީ ދެބައިކޮށްފައި. ގުދުސްގެ ހުޅަނގަކީ އިސްރާއިލުގެ ބައެއް. އެމްބަސީ އެތަނަށް ބަދަލުކުރަން ޖެހޭ،" ސުވާމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ޓުވިޓާގައި އެހެން އިންޑިއާ މީހަކު ބުނީ، އިންޑިއާ އިން އެންމެ ބޭނުންވި ދުވަސްތަކުގައި އިސްރާއިލުން އޮތީ އިންޑިއާއާ އެކުގައި ކަމަށެވެ. އެގޮތުން ކަރްގިލް ހަނގުރާމައާއި، ކަޝްމީރުގެ މައްސަލަ އަދި ޕާކިސްތާނާ ބެހޭ ގޮތުން ޖާސޫސީ މައުލޫމާތު ދިނުމުގައި ވެސް އިސްރާއިލުން އިންޑިއާ އަށް އަބަދުވެސް އެއްބާރުލުން ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް ގުދުސްގެ ވޯޓުގައި އިންޑިއާ އިން ވަނީ އިސްރާއިލަށް ގައްދާރުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓުވިޓާގައި އެހެނިގެން ވަރަށް ގިނަ ހިންދޫން ވެސް ވަނީ އިންޑިއާ އިން އިސްރާއިލާ ދެކޮޅަށް ވޯޓު ދީފައިވާތީ ނުރުހުން ފާޅުކޮށްފަ އެވެ.

މަސްދަރު :އެކްސްޕްރެސް ޓްރިބިއުން ޕާކިސްތާން