އިންޑިޔާ އާއި ލަންކާ އަށް ދަތުރުކުރާ ބައެއް ދިވެހިންގެ ވިސާގެ މުއްދަތު ހަމަވުމުން ވެސް އެ ތަންތަނުގައި ތިބުމުގެ މައްސަލަތައް ގިނައިން ފެންމަތިވަމުން އަންނަ ކަމަށް ދިވެހި ހާރިޖިއްޔާ އިން މިއަދު ބުނެފި އެވެ.

ހާރިޖިއްޔާގެ މައި އިދާރާގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރު މިއަދު ވިދާޅުވީ އަހަރުތަކެއް ކުރިންނާއި އަދި މިހާރު ވެސް ބައެއް ދިވެހިން ވިސާ ޖަހާފައި އޮންނަ މުއްދަތު ފަހަނައަޅައި ދާއިރު ވެސް އެ ގައުމުތަކުގައި އުޅެމުން އަންނަ ކަމަށާއި ދިވެހިންގެ އޯވާ ސްޓޭ ވެގެން އެ މައްސަލަތައް އެ ގައުމުތަކުގެ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު އޯވަ ސްޓޭވި ބައެއް މައްސަލަތައް ކޯޓު މަރުހަލާގައި ވެސްވާ ކަމަށެވެ.

"އަޅުގަނޑުމެންނާ ހިސާބަށް ގިނަ ބޭފުޅުން މި ވަޑައިގަންނަވަނީ އެ މައްސަލަތައް ފުލުހުންނާއި ނޫނީ ކޯޓުމަރުހަލާއަށް ދިޔައިމާ. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވޭ އެހިސާބުން އަޅާލަން،" އަސްލަމް ވިދާޅުވި އެވެ.

އޯވަ ސްޓޭގެ މައްސަލަތަކުގެ އިތުރު ތަފްސީލެއް އަސްލަމް ވިދާޅެއްނުވި އެވެ.

ސްޓޭޓް މިނިސްޓްރު ވިދާޅުވީ އޯވަ ސްޓޭ ވުމުގެ މައްސަލަ ބޮޑުވުމުން އެކަމުގެ ހުތުރު ނަން ދިވެހިންނަށް ލިބޭ ކަމަށާއި ދިވެހި އިމިގުރޭޝަނަށް ވެސް އެކަމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ އިމިގުރޭޝަނަށް ވެސް އެބައުނދަގޫވޭ އަޅަންޖެހޭ ފިޔަވަޅު އަޅަން. ދިވެހިންނަކީ ވަރަށް އަހުލާގު ރަނގަޅަށް އެހެން ގައުމުތަކުގައި އުޅޭ ބަޔެއް. އެކަމަކު މިހެން ވީމަ ދިވެހިންގެ އިމޭޖް އެބަހަޑީވޭ،" އަސްލަމް ވިދާޅުވި އެވެ.

އޯވަސްޓޭގެ މައްސަލައިގައި އޮތް ހަމަ އެކަނި ހައްލަކީ ގައުމަކަށް ދަތުރުކުރުމުގެ ކުރިން ނަގަން ޖެހޭ ވިސާނަގައިގެން އެ ވިސާއަކާ އެއްގޮތަށް އަމަލުކުރުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެކަން ވީމާ އަޅުގަނޑުމެންނަށް ކުރެވޭނެ މާބޮޑުކަމެއް ނޯވޭ. ޕްރިވެންޓް ކުރުން މީގައި މުހިންމީ. އެއީ ރަނގަޅު މައުލޫމާތު ހޯއްދަވައިގެން ވިސާ ނަންގަވައިގެން އެ ގައުމަކަށް ވަޑައިގެން ގަވާއިދާ އެއްގޮތަށް އުޅުއްވުން،" އަސްލަމް ވިދާޅުވި އެވެ.

ދިވެހިން އެންމެ ގިނައިން އޯވަސްޓޭ ވަނީ ގިނަ ބޭނުންތަކަކަށް ދިވެހިން ދަތުރު ކުރަމުން އަންނަ ލަންކާ އާއި އިންޑިޔާގައި ކަމަށް ހާރިޖިއްޔާ އިން ބުންޏެވެ. އަދި އިނގިރޭސިވިލާތް ފަދަ ބައެއް އެހެން ގައުމުތަކުގައި ވެސް އޯވަސްޓޭގެ މައްސަލަތައް މަދުން ރިޕޯޓުކުރެވޭ ކަމަށް ވެސް ބުންޏެވެ.