14:30


ދެކުނު އެފްރިކާގެ ނޫހަކުން ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ކުރަހާފައިވާ ކާޓޫނެއް އާންމުކޮށްފި އެވެ.


އެގައުމުގައި ނެރޭ ދުވަހު ނޫހެއް ކަމަށްވާ މެއިލް އެންޑް ގާޑިއަންގައި އިއްޔެ އާންމުކުރި ކާޓޫނު ތަކާ ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުން ވަނީ މިކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.


މިކަމާ ގުޅޭގޮތުން ދެކުނު އެފްރިކާގެ މުސްލިމް ޖަމާއަތެއް ކަމަށްވާ ކައުންސިލް އޮފް މުސްލިމް ތިއޮލޮޖިއަންސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިކާޓޫނަކީ މުސްލިމުން ރުޅި އެރުވުމުގެ މަގްސަދުގައި އިސްލާމްދީނުގެ އަދާވާތްތެރިން ޝާއިއުކޮށްފައިވާ ކާޓޫނެއް ކަމަށެވެ. އަދި މިކާޓޫނު ޝާއިއުކުރިޔަ ނުދިނުމަށްޓަކައި އެޖަމާއަތުން ކޯޓަށް ވެސް ދިޔަ ކަމަށާއި އެހެން ނަމަވެސް އެމަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ވެސް އެޖަމާއަތުން ބުނެ އެވެ.


މިކަމާ ގުޅިގެން މެއިލް އެންޑް ގާޑިއަން ނޫހުގެ އެޑިޓަރު ނިކް ޑޯސް ބުނެފައިވަނީ މިކާޓޫނަކީ މުސްލިމުންނަށް އެއްވެސް ދެރައެއް ދިނުމުގެ ނިޔަތުގައި ޝާއިއުކޮށްފައިވާ ކާޓޫނެއް ނޫން ކަމަށާއި މިކާޓޫނުގެ ސަބަބުން ކީރިތި ރަސޫލާއަށާއި މުސްލިމުންނަށް އެއްވެސް މަލާމާތެއް ރައްދުވެފައިވާނަމަ އެކަމާ މެދު ހިތާމަކުރާ ކަމަށެވެ. ނަމަވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށާއި އެކަމާ މެދު ދެކޮޅެއް ނެހެދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.


މިކާޓޫނުގެ ސަބަބުން އަންނަ މަހު ދެކުނު އެފްރިކާގައި ފަށާ ފީފާ ވޯލްޑްކަޕް ބެލުމަށް އެގައުމަށް ދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އިތުރު ސުވާލުތަކެއް އުފެދިފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.