23 Dec 2017, 09:39
ޒީ ސިނެ އެވޯޑްސް 2018، މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަރަށް ކުލަގަދަކޮށް ބާއްވައިފިއެވެ.
ބޮލީވުޑް ގިނަ ފަންނާނުން ތަކެއްގެ ފުރިހަމަ ހުށަހެޅުންތަކަކާ އެކު ކުރިއަށް ދިޔަ ހަފްލާގައި ގިނަ އެވޯޑުތައް ގެންގޮސްފައި ވަނީ އާމިރު ޚާންގެ 'ސީކްރެޓް ސުޕަސްޓާ'، އަކްޝޭ ކުމާރުގެ 'ޓޮއިލެޓް: އެކް ޕްރެމް ކަތާ' އަދި ރޯހިތު ޝެޓީގެ 'ގޯލްމާލް އެގެއިން' އެވެ.
އަހަރުގެ އެންމެ މޮޅު އެކްޓަރުންގެ އެވޯޑު ގެންދިޔައީ ފިލްމު 'ބަދްރީނާތު ކީ ދުލްހަނިޔާ' އިން ވަރުން ދަވާން އަދި ފިލްމު 'މޮމް' އިން ސްރީދޭވީއެވެ.
ބެލުންތެރިން ވޯޓު ދީގެން އެންމެ މޮޅު އެކްޓަރުންގެ ގޮތުގައި ހޮވާފައި ވަނީ ކުޅަދާނަ ބަތަލާ އާލިއާ ބަޓް އަދި ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު އެވެ.
އާލިއާ އެވޯޑު ގެންދިޔައީ 'ބަދްރީނާތު ކީ ދުލްހަނިއާ' އިންނެވެ. އަދި އަކްޝޭ އަށް އެވޯޑު ލިބުނީ ފިލްމު 'ޖޮލީ އެލްއެލްބީ 2' އިންނެވެ.
އެންމެ މޮޅު ފިލްމުގެ އެވޯޑު މި ފަހަރު ލިބުނީ ރޯހިތު ޝެޓީ ޑައިރެކްޓު ކުރި ހެއްވާ މަޖާ ފިލްމު 'ގޯލްމާލް އެގއިން' އަށެވެ. އެ ފިލްމަކީ އަޖޭ ދޭވްގަން، ޕަރިނީތީ ޗޯޕްރާ، އަރްޝަދް ވާރްސީ، ތުޝާރް ކަޕޫރު، ތާބޫ އަދި ނީލް ނިތިން މުކޭޝް ފަދަ ތަރިން ހިމަނައިގެން އުފައްދާފައިވާ ފިލްމެވެ.
މި އަހަރުގެ އެންމެ ގިނަ އެވޯޑުތައް ގެންދިޔައީ އާމިރުގެ 'ސީކްރެޓް ސުޕަސްޓާ' އިންނެވެ. ފިލްމުގެ ޑައިރެކްޓަރު އަދްވިތު ޗަންދަން އަށް އެންމެ މޮޅު ޑެބިއު ޑައިރެކްޓަރުގެ އެވޯޑު ލިބުނު އިރު، އެންމެ މޮޅު މިއުޒިކް ވެސް ލިބުނީ އެ ފިލްމުން އަމިތު ތުރިވޭދީ އަށެވެ. އޭގެ އިތުރުން ބެސްޓް އެކްޓާ އިން އަ ނެގެޓިވް ރޯލް (ރާޖް ރަޖުން)، އެންމެ މޮޅު ސަޕޯޓިން އެކްޓަރު (މެހެރް ވިޖް) ގެ އެވޯޑު ވެސް ލިބުނީ އެ ފިލްމަށެވެ.
ބެލުންތެރިން ހޮވި އެންމެ މޮޅު ފިލްމުގެ އިތުރުން މުޖުތަމައު އަށް އެންމެ ހެޔޮ ބަދަލެއް ގެނެސްދިން ފިލްމުގެ އެވޯޑު ގެންދިޔައީ އަކްޝޭގެ 'ޓޮއިލެޓް: އެކް ޕްރޭމް ކަތާ' އެވެ.
މިފަހަރު 'އެކްސްޓްރާއޯޑިނަރީ އިމްޕެކްޓު އެވޯޑު' ގެންދިޔައީ ތާޕްސީ ޕަންނޫ އަދި ރާޖްކުމާރް ރާއޯ އެވެ. އެކްސްޓްރާއޯޑިނަރީ ފްރެންޗައިޒްގެ އެވޯޑު ލިބުނީ 'ބާހޫބަލީ' އަށެވެ.
އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ ފިލްމު 'ބަރޭލީ ކީ ބަރްފީ' ގެ ޑައިރެކްޓަރު އަޝްވިނީ އިޔާރް ތިވާރީ އެވެ. އެންމެ މޮޅު ސްކްރިޕްޓުގެ އެވޯޑު ވެސް ލިބުނީ އެ ފިލްމުގެ ސްކްރިޕްޓް ލިޔެގެން ނިތޭޝް ތިވާރީ އަށެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން) ގެ އެވޯޑު ލިބުނީ ފިލްމު 'މުބާރަކަން' އިން އަނިލް ކަޕޫރު އަށެވެ.
އެންމެ މޮޅު ޑެބިއު އެކްޓަރުންގެ އެވޯޑު ލިބުނީ ފިލްމު 'ޓިއުބްލައިޓް' އިން މަޓިން ރޭ ޓަންގޫ އަދި ފިލްމު 'މުންނާ މައިކަލް' އިން ނިދީ އަގަރްވާލް އަށެވެ.
އެވޯޑު ހަފްލާގައި ޕްރިޔަންކާ ޗޯޕްރާ، ޝާހިދު ކަޕޫރު، ކެޓްރީނާ ކައިފް އަދި ރަންވީރު ސިންގ ގެ ފުރިހަމަ ހުށަހެޅުންތައް ފެނިގެން ދިޔައެވެ.