22 Dec 2017, 23:27
ދެ ޖިންސު މަސްހުނިވެގެން ނަށައި މަސްތުވެ ޕާޓީ ކުރަން ތިބި 230 މީހަކު އީރާނުގެ ދީނީ ފުލުހުން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ޒުވާން ފިރިހެނުންނާއި އަންހެނުން ހިމެނޭ އިރު އެމީހުން ހައްޔަރުކުރީ އީރާނުގެ ވެރިރަށް ތެހެރާންގައި އެގައުމުގެ ދީނީ ފުލުހުން ރޭ ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައެވެ.
އީރާނުގެ މީޑިއާތަކުން ބުނާގޮތުން، ހައްޔަރުކުރި މީހުންގެ ތެރެއިން 140 މީހުން ހައްޔަރުކުރީ ބަގީޗާއެއްގެ ތެރޭގައި ޕާޓީ ކުރަން ތިއްބައެވެ. އަދި އަނެއް 90 މީހުން ހައްޔަރުކުރީ ތެހެރާންގެ މެދުއިރުމަތީ ސަރަހައްދަކުންނެވެ.
އީރާނުގެ ގާނޫނު ބުނާގޮތުން، ރާ ބޮއެ އަދި ހިލޭ އަންހެނުންނާއި ފިރިހެނުން އެއް ތަނެއްގައި ޕާޓީކޮށް ހެދުމަކީ މަނާ ކަމެކެވެ. އަދި އެ ގާނޫނުގެ ދަށުން ރާ ބޯ މީހުންނަށް އަދަބެއްގެ ގޮތުގައި 80 އެތި ފަހަރުން ހައްދު ޖެހޭނެއެވެ.
ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ހައްދުގެ އަދަބުގެ ބަދަލުގައި ގިނަ ފަހަރު ކުރަނީ ފައިސާގެ ޖޫރިމަނާއެކެވެ.
އީރާނުގެ ދީނީ ފުލުހުންގެ އިސްވެރިޔާ ޒުލްފަގަރު ބާފަރު ވިދާޅުވީ، ޕާޓީ ކުރަން ތިއްބައި ހައްޔަރުކުރި މީހުންނާއެކު ގިނަ އަދަދެއްގެ ރަލާއި ޕާޓީ ޑުރަގްސް ވެސް އަތުލައިގެންފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި އެގައުމުގެ ދެ ލަވަކިޔުންތެރިއަކު ވެސް ހިމެނޭ އިރު ޕާޓީތައް އިންސްޓަގުރަމް މެދުވެރިކޮށް ލައިވް ކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންސްޓަގުރަމްގެ ލައިވް ބެލުމަށް ދައުވަތު ދިން ބައެއް މީހުން ވެސް ވަނީ ހައްޔަރު ކޮށްފައެވެ. (ޕްރެސް އެސޯސިއޭޝަން)