22 Dec 2017, 22:52
ތައިލެންޑް (ރޮއިޓާސް) – ދުވަސްތަކަކަށް ދިގުލައިގެންދިޔަ ތައިލެންޑާއި ޗައިނާ ގުޅައިލާ ގާއިމްކުރާ ރެއިލްވޭ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.
ތައިލެންޑުގެ އުތުރުގައި އޮންނަ ނަކޮން ރާޗަސީމާ ޕްރޮވިންސުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފެށި އެ ޕްރޮޖެކްޓުގެ ދަށުން ތައިލެންޑާއި ލާއޮސް އަދި ޗައިނާ ގުޅައިލާނެއެވެ.
އެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 250 ކިލޯމީޓަރުގެ ހައި ސްޕީޑް ރެއިލް ލައިންއަކުން ގުޅައިލަން ނިންމާފައިވަނީ ނަކޮން ރާޗަސީމާ އާއި ތައިލެންޑުގެ ވެރިރަށް ބެންކޮކެވެ. އެ މަސައްކަތް ނިންމައި 2021 ވަނަ އަހަރުގެ ތެރޭގައި އެ ރެއިލްވޭ ބޭނުންކުރަން ފެށޭނެ ކަމަށް ތައިލެންޑުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
މުޅި ޕްރޮޖެކްޓު އެއްކޮށް ނިމޭ އިރު 873 ކިލޯ މީޓަރުގެ ރެއިލް ލައިންއެއް ގާއިމް ކުރެވޭނެއެވެ.
ތައިލެންޑާއި ޗައިނާ ގުޅައިލާ ރެއިލްވޭ މަޝްރޫއަކީ ޗައިނާއިން ކުރިއަށްގެންދާ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކު ރޯޑު ބިނާކުރުމުގެ މަޝްރޫއުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ އިރު، އެ ޕްރޮޖެކްޓުގެ ރަސްމީ ވާހަކަތަކެއް ވަނީ 2014 ވަނަ އަހަރު ބާއްވައިފައެވެ. ނަމަވެސް ޕްރޮޖެކްޓުގެ ޑިޒައިނާއި ފަންޑިންގެ އިތުރުން ޓެކްނިކަލް އެހީތެރިކަން ދިނުމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕްރޮޖެކްޓު ނުފެށި ދިގުލައިގެން ދިޔައެވެ.
ޕްރޮޖެކްޓު ފެށުމުގެ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތައިލެންޑް ސަރުކާރުން ވަނީ ޗައިނާގެ ޗައިނީސް ސްޓޭޓް އެންޓަޕްރައިސެސްއާއެކު 157 މިލިއަން ޑޮލަރުގެ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމަކީ ޕްރޮޖެކްޓުގެ އިންޖިނިއަރިން ޑިޒައިނާއި ޗައިނާގެ ޓެކްނިކަލް އެޑްވައިޒަރުން ހަމަޖެއްސުމަށް ސޮއިކުރި ދެ އެއްބަސްވުމެވެ.