10 Aug 2011, 13:41
އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އެފްއޭއެމް އިން ބާއްވަމުން އަންނަ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗް ކާމިޔާބުކޮށް، ގްރޫޕް ބީ ފަޅީގެ އެއް ވަނަ މަޤާމަށް ވެލެންސިޔާ ޖެހިލައިފި އެވެ.
އޯލް ޔޫތު ލިންކޭޖް )އޭވައިއެލް( އަތުން 7-0 ލަނޑުން މެޗް ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނަ މަޤާމަށް ވެލެންސިޔާ ޖެހިލިއިރު، އެޓީމް އޮތީ ފަސް ޕޮއިންޓާއެކު ގައެވެ. ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ވީބީ ސްޕޯޓްސް އެވެ. ތިން ވަނައިގައި މާޒިޔާ އޮތްއިރު ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ އޭވައިއެލް އެވެ.
އޭވައިއެލްއާ ދެކޮޅަށް އިއްޔެ ވެލެންސިޔާ ކުޅުނު މެޗްގައި އެ ޓީމްގެ ލަނޑުތައް ޖަހާދިން ކުޅުންތެރިންނަކީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދި އަބްދުﷲ ޝާހިދާއި ދެ ލަނޑު ކާމިޔާބު ކޮށްދިން އަހުމަދު ސަމީރާއި ސީނިއާ ޓީމުގެ ކޯޗު އިސްމާއިލް އާސިފް )ކުޑަހީނާ( އަދި މުހައްމަދު މަނިކެވެ.
މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމާ އެކު ޖުމްލަ ފަސް ޓީމު ދެ ވަނަ ބުރަށް ދާނެ އެވެ. އަދި ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.
މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް އޭ ފަޅިން ވާދަކުރާ ވިކްޓަރީ އާއި ޕޮލިހެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:40 ގަ އެވެ. އަދި މިމުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައި ވަނީ މާޒިޔާ އާ ވީބީ އެވެ.