23 Dec 2017, 00:08
ހަވާނާ (22 ޑިސެމްބަރު): ކިއުބާގެ ރައީސް ރައުލް ކާސްޓްރޯ އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އިތުރު ދައުރަކަށް ކިއުބާގެ ރައީސްކަމަށް ކުރިމަތިނުލައްވާނެކަން ރައުލް އިއުލާންކުރައްވާފައިވަނީ ކިއުބާގެ މިއަހަރުގެ ޕާލިމަންޓުގެ މަސައްކަތްތައް ނިންމާލަމުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައުލް ވިދާޅުވީ، އަންނަ އޭޕްރީލް މަހު ދައުރު ހަމަވުމުން އިތުރަށް ކުރިމަތިނުލައްވާނެ ކަމަށެވެ.
"އަންނަ އަހަރުގެ އެޕްރީލް މަހު ނެޝަނަލް އެސެމްބްލީ ހުޅުވޭ އިރު އަޅުގަނޑުގެ އެންމެ ފަހުގެ ދައުރު އޮންނާނީ ހަމަވެފައި. ކިއުބާއިން ދެން ފެންނާނީ އާ ރައީސެއް،" ކިއުބާގެ މިއަހަރުގެ ޕާލިމަންޓުގެ މަސައްކަތްތައް ނިންމާލަމުން ދެއްވި ހިތާބުގައި ރައުލް ވިދާޅުވިއެވެ.
ކިއުބާގެ ރައީސް އިންތިހާބު ކުރަނީ 31 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޓޭޓް ކައުންސިލަކުންނެވެ. އެ ކައުންސިލްގެ ރައީސަކަށް އިންތިހާބުކުރާ ބޭފުޅަކީ އެގައުމުގެ ރައީސްކަމުގައި ވެސް ހަމަޖެހިގެންދެއެވެ.
ރައުލްގެ ދެވަނަ ދައުރު ފުރިހަމަކުރެއްވުމަށްފަހު އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެކަން އެމަނިކުފާނު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
ރައުލް އިތުރު ދައުރަކަށް ކުރިމަތިނުލައްވާ އިރު، ކާސްޓްރޯގެ އާއިލާއިން ކިއުބާގައި ވެރިކަންކުރައްވާތާ 59 އަހަރު ވާނެއެވެ. ރައުލްގެ ބޭބޭ ފިޑެލް ކާސްޓްރޯ ވެރިކަމަށް ވަޑައިގަތީ 1959 ވަނަ އަހަރެވެ. ފިޑެލް ކާސްޓްރޯ މަގާމު ދޫކޮށްލެއްވުމަށްފަހު ވެރިކަން ކުރައްވަމުން ގެންދެވީ ރައުލްއެވެ.
ކިއުބާގެ ރައީސްކަމަށް އިތުރު ދައުރަކަށް ކުރިމަތިނުލެއްވި ނަމަވެސް އެގައުމުގެ ކޮމިޔުނިސްޓް ޕާޓީގެ ރައީސްކަމުގައި ރައުލް 2021 ވަނަ އަހަރުގެ ނިޔަލަށް ހުންނެވުމަށް ވަނީ ހަމަޖެހިފައެވެ.
މިހާރު ބެލެވިފައިވާގޮތުގައި، ކިއުބާގެ ރައީސް ކަމަށް ދެން ވަޑައިގެންނަވާނީ މިހާރުގެ ނާއިބު ރައީސް މިގެލް ޑިއޭޒް ކަނޭލްއެެވެ.
މަސްދަރު: ޕްރެސްޓީވީ