22 Dec 2017, 20:27
ހަށިގަނޑުގެ ބޮޑު ބަޔަކުން މަހާއި ކައްޓާ ވަކިނުވެ އޮތް ސާރު ނުވަތަ ޑައިނަސޯއަކާ ވައްތަރުގެ ޖަނަވާރެއްގެ ހަށިގަނޑެއް އިންޑިއާއިން ފެނިއްޖެއެވެ.
ކުޑަ ސާރަކާ ވައްތަރު އެ ހަށިގަނޑު ފެނިފައިވަނީ އިންޑިއާގެ އުތުރުގައި އޮންނަ އުއްތަރަހަންދު ނަމަކަށް ކިޔާ ސްޓޭޓެއްގައި ގިނަ އަހަރުތަކެއް ވަންދެން ބޭނުންނުކޮށް ހުރި ސަބް ސްޓޭޝަނެއް ސާފުކުރަން އުޅުމުގެ ތެރޭގައެވެ.
މީގެ އެތައް އަހަރުތަކެއް ކުރިން ދުނިޔޭގައި އުޅެފައިވާ ސާރުގެ ތިން ވައްތަރެއްގެ ސާރާ އެއްގޮތް ސިފަތަކެއް ހުރި އެ ހަށިގަނޑުގެ ސަބަބުން ސައިންސްވެރިންނަށް ވަނީ ހައިރާން ކަމެއް ލިބިގެން ގޮސްފައެވެ.
އަދި އެ ހަށިގަނޑުގެ އަސްލު އުމުރު ދެނެގަތުމަށާއި، އެއާ ގުޅޭ އިތުރު ތަހުލީލުތަކެއް ހެދުމަށް މިހާރު ވަނީ އިންޑިއާގެ ކުމައުން ނަމަކަށް ކިޔާ ޔުނިވާސިޓީއަކަށް ފޮނުވައިފައެވެ.
އިންޑިއަން ފޮރެސްޓް ސާވިސްގައި މަސައްކަތްކުރާ ކޮންސަވޭޓަރެއް ކަމަށްވާ ޑރ. ޕަރަގް މަދުކާރު ވިދާޅުވި ގޮތުގައި، ތަހުލީލުތަކުގެ ނަތީޖާ ލިބުމުގެ ކުރިން އެއީ ކޮން ވައްތަރެއްގެ ޖަނަވާރެއްގެ ހަށިގަނޑުކަން ބުނަން އުނދަގުލެވެ.
ދިއްލީ ޔުނިވާސިޓީގައި ކިޔަވަމުންދާ ޕީއެޗްޑީ ދަރިވަރެއް ކަމަށްވާ އާރްޔަން ކުމާރު ބުނި ގޮތުގައި، ސާރުގެ ކަށިގަނޑެއް އެހާ ދިގުމުއްތަކަށް އެހާ ފުރިހަމައަށް ރައްކާކުރެވިފައި އޮތުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ.
"މަހާއި ކައްޓާ ވަކިނުވެ އޮތް ސާރެއްގެ ހަށިގަނޑު އެހާ ފުރިހަމައަށް ރައްކާތެރިކޮށް ބޭއްވޭނެ އެއްގޮތަކީ ކެމިކަލް ބޭނުންކޮށްގެން ރައްކާކުރެވިފައި އޮތުން. ނަމަވެސް އޭރުން އުފެދޭ ސުވާލަކީ އެ ހަށިގަނޑު މިތަނުގައި (އިންޑިއާ)ގައި އޮތީ ކީއްވެހޭ؟،" ޖަނަވާރާއި ގަސްގަހާ ގެހީގެ ފޮސިލްއާގުޅޭ ގޮތުން ކިޔަވަމުންދާ ކުމާރު ބުންޏެވެ.
މަސްދަރު: އެކްސްޕުރެސް