އަންނަ އަހަރުގެ އަސްކަރީ ކަންކަމަށް ޖަޕާނުން ރެކޯޑް ބަޖެޓެއް ފާސްކޮށްފިއެވެ.

ޖަޕާނުން މިއަދު 45.76 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކުރި އިރު ބަޖެޓުގެ ބޮޑުބައެއް ހިއްސާކޮށްފައިވަނީ އެމެރިކާއިން އުފައްދާފައިވާ ހަތިޔާރު ގަތުމަށެވެ. އެގޮތުން އުތުރު ކޮރެއާގެ ފަރާތުން ދިިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް އެމެރިކާގެ މިސައިލް ޑިފެންސް ސިސްޓަމް ބެހެއްޓުމަށް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

މިއީ 2017 ވަނަ އަސްކަރިއްޔާއަށް ފާސްކުރި ބަޖެޓަށްވުރެ 1.3 ޕަސެންޓް އިތުރު ބަޖެޓެކެވެ.

ބަޖެޓް ފާސްކުރުމަށްފަހު ޖާޕާނުގެ ޑިފެންސް މިނިސްޓަރު އިންޓުސުނޯރީ އޮނޮދެރާ ވިދާޅުވީ، ޖަޕާނު ދިފާއުކުރުމަށް އެންމެ ފަހުގެ ހަތިޔާރުތައް އެގައުމަށް ކޮންމެހެންވެސް ބޭނުންވާ ކަމަށެވެ.

މިދިޔަ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ޖަޕާނުން އެމެރިކާގެ ހަތިޔާރުގަތުމަށް ބާރު އަޅުއްވައިފައެވެ. އެމެރިކާއެކޭ އެއްފަދައިން ޖަޕާނުންވެސް ދެކޭގޮތުގައި، އުތުރު ކޮރެއާއިން ކުރިއަށްގެންދާ ނިއުކުލިއާ ޕްރޮގްރާމަކީ ޖަޕާނަށް އޮތް ނުރައްކަލެކެވެ.

އުތުރު ކޮރެއާއިން ވަނީ މިއަހަރު ޖަޕާނަށް އަމާޒުކޮށް ދެ މިސައިލް ފޮނޮވައިލައިފައެވެ. އުތުރު ކޮރެއާއިން ވަނީ ޖަޕާނާ އެގައުމާ ދެމެދު ކުރާ ހަނގުރާމައެއްގައި ޖަޕާނު އަންދާ އަޅިއަށް ހަދާލާނެކަމުގެ އިންޒާރުވެސް ދީފައެވެ.

އެމެރިކާގެ އޭޖިސް މިސައިލް ސިސްޓަމް ޖަޕާނުގައި ބެހެއްޓުމަށް، ޖަޕާނުގެ ކެބިނެޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފައެވެ.