މެދުއިރުމަތީގެ ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން ހުށަހަޅާ ކަންކަމާއި އެހީ، މީގެ ފަހުން ގަބޫލު ނުކުރާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ރައީސް އިމެނުއެލް މެކްރޮންއާއެކު ޕެރިހުގައި ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވީ، ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ކަނޑައެޅި ހިސާބުން، އެގައުމު ވަނީ މެދުއިރުމަތީގެ ސުލްހަ ގާއިމުކުރުމުގެ މަސައްކަތުން "ޑިސްކޮލިފައި" ވެފައި ކަމަށެވެ.

"ސުލްހައިގެ މަސައްކަތުގައި އެމެރިކާއަކީ މިހާރު އިހުސާންތެރި މެދުވެރިއެއް ނޫން. އެމެރިކާއިން ހުށަހަޅާ އެއްވެސް ޕްލޭނެއް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން،" ފަލަސްތީނުގެ ރައީސް ވިދާޅުވިއެވެ.

އެމެރިކާއިން އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް ބަލައިގަތުމާއެކު ޔަމަނުގެ ފަރާތުން ވަނީ، އެއީ ގައިރު ގާނޫނީ ނިންމުމެއް ކަމަށާއި، އެ ނިންމުން އަނބުރާ ގެންދިއުމަށް އެމެރިކާއަށް ގޮޥާލައި ގަރާރެއް ވައްދައިފައެވެ. އދގެ މަޖިލީހުގެ ބޮޑު އަގުބަލިއްޔަތަކުން އެ ގަރާރު ވަނީ ފާސްކޮށްފައެވެ.

އެމެރިކާއާ ދެކޮޅަށް 163 ގައުމެއް ވޯޓު ލީ އިރު، އެމެރިކާއިން އދގައި އިއްޔެ ވަނީ އެގައުމުން ގިނަ ގައުމުތަކަކަށް ހިލޭ އެހީ ފޯރުކޮށްދޭކަން ފާހަގަކޮށް، އެމެރިކާއާ ދެކޮޅަށް ވޯޓުލީ ގައުމުތަކަށް ދޭ އެހީ ކަނޑާލާނެކަމުގެ އިންޒާރުވެސް ދީފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް އިއްޔެ ވަނީ މި އިންޒާރު ދެއްވާފައެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް މިއަދު ޕެރިހުގައި މީޑިއާއާ ވާހަކަ ދައްކަވަމުން ވަނީ، ރައީސް ޓްރަމްޕްގެ މި އިންޒާރު ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފައެވެ.