ސަރުކާރުން ހެވީލޯޑް މޯލްޑިވްސްއާ ހަވާލުކޮށްގެން ހިންގާ 21 މިލިއަން ޑޮލަރުގެ ]323 މިލިއަން ރުފިޔާ[ މަޝްރޫއު އަށް ސަރުކާރުން 16 މިލިއަން ޑޮލަރުގެ ކޮމްފަޓް ލެޓާއެއްދީފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒު ސޮއި ކުރައްވާފައި ހެވީލޯޑަށް ސިޓީއެއް ދެއްވީ ތިލަފުށީ ފަޅު ހިއްކުމުގެ މަޝްރޫއަކީ ސަރުކާރުން ހެވީލޯޑާ ހަވާލުކޮށްފައިވާ މަޝްރޫއުއެއް ކަން ކަށަވަރުކޮށް ދިނުމުގެ ގޮތުންނާއި އަދި ވަކި ޝެޑިއުލްތަކެއްގެ މަތީން ސަރުކާރުން އެ ކުންފުންޏަށް ފައިސާ ދޭނެ ކަމުގެ ގަރަންޓީއެއްގެ ގޮތުންނެވެ.

ހެވީލޯޑަށް އެފަދަ ކޮމްފޮޓް ލެޓާއެއް ދެއްވިންތޯ ފައިނޭންސް މިނިސްޓަރު އިނާޒަށް ދެންނެވުމުން ވިދާޅުވީ އެފަދަ ސިޓީތަކަކީ ސަރުކާރުން ވަކި ފަރާތްތަކަކަށް ހާއްސަކޮށްގެން ދެއްވާ ސިޓީތަކެއް ނޫން ކަމަށާއި ސަރުކާރުން މަޝްރޫއެއް ހަވާލުކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް ދެއްވާނެ ސިޓީއެއް ކަމަށެވެ. އޭގައި ހެވީލޯޑް މޯލްޑިވްސްތޯ ނޫނީ އައިމާ ކޮންސްޓްރަންކްޝަންތޯ ތަފާތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ހެވީލޯޑަށް އެފަދަ ސިޓީއެއް ދެއްވި ކަން ވެސް އަދި ނޫން ކަން ވެސް އޭނާ ކަށަވަރެއް ނުކޮށްދެއްވި އެވެ. އަދި މިހާތަނަށް އެފަދަ ސިޓީތަކެއް ދެއްވާފައި ވަނީ ކިތައް ފަރާތަށް ކަމެއް ވެސް އޭނާ ވިދާޅެއް ނުވި އެވެ.
ނަމަވެސް އެފަދަ ސިޓީއެއްގައި ހުންނާނެ ތަފުސީލު މިނިސްޓަރު ވަރަށް ތަފުސީލުކޮށް ދެއްވި އެވެ. އަދި ވިދާޅުވީ އެފަދަ ސިޓީގައި ބަޔާން ކުރާނީ ސަރުކާރުން އެގްރީމަންޓްކޮށްފައިވާ ފަރާތަކީ ސައްހަ ފަރާތެއް ކަމަށާއި ސައްހަ އެގްރީމެންޓެއް ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި ސަރުކާރުން ޕްރޮޖެކްޓަށް ފައިސާ ދައްކާނެ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިސާލަކަށް އޭނާ ވިދާޅުވީ ކިހާ އަވަސް އަވަހަކަށްތޯ މަޝްރޫއު އަށް ފައިސާ ދޫކުރުން ފަދަ މައުލޫމާތު ކަމަށެވެ.

ތިލަފުށީ ފަޅު ހިއްކުމުގެ މަޝްރޫއު 21 މިލިއަން ޑޮލަށް، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީލޯޑާ ހަވާލުކުރީ އެ މަޝްރޫއު އަށް ބީލަން ހުށަހެޅި، ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީ އިން ހުށަހެޅި އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށެވެ.