22 Dec 2017, 15:18
މި ފެށޭ އަހަރާ އެކު، ސްރީލަންކާގެ ކޮލޮމްބޯ ސިޓީގެ ސަރަހައްދުގެ އެއްވެސް ތަނެއްގައި ސަލާންޖެހުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅައިފިއެވެ.
ސްރީލަންކާގެ މެގަލޮޕޮލިސް އެންޑް ވެސްޓަން ޑިވެލޮޕްމެންޓް މިނިސްޓަރު ޗަމްޕިކަ ރަނަވަކަ ވިދާޅުވި ގޮތުގައި، ކޮލޮމްބޯ ސިޓީގެ މަގުތަކުގައި 600 އެއްހާ މީހުން ކޮންމެ ދުވަހަކުވެސް ސަލާން ޖެހުމުގެ މަސައްކަތައިގެން އުޅޭ ކަމަށެވެ.
އެގޮތުން، މަގުތަކުގެ އިތުރުން ބަސް، ރޭލު ފަދަ ޕަބްލިކް ޓްރާންސްޕޯޓުގައިވެސް މީހުން ސަލާންޖަހާ ކަމަށާއި، މިކަމާ ގުޅިގެން އާންމުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން، އަންނަ 2018ގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ކޮލޮމްބޯގެ މަގުތަކުގައި ސަލާންޖެހުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ޗަމްޕިކަ ރަނަވަކަަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަލާންޖަހާ މީހުން ރީހެބިލިޓޭޓު ކުރުމަށްޓަކައި، ލަންކާގެ ދެކުނުގައި އޮންނަ އަމްބަލަންތޮޓަގައި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ.
"ގޮތް ހުސްވެގެން ސަލާންޖަހާ މީހުންނަށް ދައުލަތުން އެހީތެރިވެދޭނަން،"
އަދި ސަލާންޖަހަން އުޅޭ ކުޑަކުދިންނަށް ސްކޫލަށް ގޮސް ތައުލީމު ހޯދުމުގެ ފުރުސަތާއި، ބަލި މީހުންނަށް ފަރުވާއާއި އާޅަލުން ލިބޭނެގޮތް ވެސް ދައުލަތުން ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެކަމަކު އާމްދަނީއެއް ހޯދުމުގެ މަގްސަދުގައި ސަލާންޖަހަން އުޅޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނަން،" މެގަލޮޕޮލިސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްތުވާތަކެތި ގަތުމަށްވެސް ބައެއް މީހުން ކޮލޮމްބޯގެ މަގުމަތީގައި ސަލާންޖަހާ ކަމަށާއި، އެމީހުން އަތުލައިގަތުމަށްވެސް މިއީ މުހިންމު މަޝްރޫއެއް ކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ.
ސްރީލަންކާގެ ކޮލޮމްބޯ އެކުލެވިގެންވަނީ މައިގަނޑު 15 ސަރަހައްދަކަށެވެ. ތިރީސް ފަސް އަކަ ކިލޯމީޓަރުގެ ކޮލޮމްބޯގައި 700،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު، ކޮލޮމްބޯގެ ރަށްބޭރުން އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކުވެސް ވަޒީފާ އަދާކުރުމަށާއި ތައުލީމު ހާސިލުކުރުމަށް އެސިޓީއަށް ޒިޔާރަތްކުރެއެވެ.