22 Dec 2017, 16:26
އަހްމަދު ނަޒީހު ނުވަތަ ގިނަ ބަޔަކު ދަންނަ ނަމުންނަމަ "ރާޅުބޯއީ"އަކީ ހިތްގައިމު އަޑެއްގެ ވެރިއެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރާޅުބޯއީ މަޝްހޫރުވެގެން ދިޔައީ ޕަބްލިކް ސާވިސް މީޑިއާއިން ކުރިޔަށް ގެންދާ ފްރެންޗައިޒް ޝޯ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުންނެވެ.
ރާޅުބޯއީ ވަނީ، ދިވެހީންގެ އެތައް ބައެއްގެ ހިތްތަކުން ލޯބި ހޯދާފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ރީތި ލަވައެއް، އޭނާގެ ޖާދުވީ ހިތްގައިމު އަޑުން ހުށަހަޅާލައި، އަޑަލްގެ ޖަޖުން ސިއްސުވާލައިފައެވެ. އެ ވަގުތުން ފެށިގެންވެސް ޖަޖުންގެ 'ފޭވަރިޓް' އަކަށް އޭނާ ވެގެން ދިޔަ އިރު އޭނާ ވެގެން ދިޔައީ މުޅި ސީޒަންގައި ވެސް ގިނަ ބަޔަކު ތާއީދު ކުރާ ލަވަކިޔުންތެރިޔާ އަށެވެ.
އެންމެ ކުޑައިރުންފެށިގެން ވެސް މޫދާ ވަރަށް ރައްޓެހި، ނަޒީހްގެ ކެރިއަރު މުޅިންހެން ބަދަލު ކޮށްލީ އައިޑަލް އިންނެވެ. މިއުޒިކް އިންޑަސްޓްރީއަށް އޭނާ ޝައުގުވެރިކަން އުފެދުނީ މާ ބޮޑަށެވެ.

ނަޒީހު ލަވަ އެއްގެ މަސައްކަތުގެ ތެރޭގައި--- ފޮޓޯ/އެފްބީ
އައިޑަލްގެ ގަދަ 10 އާ ހިސާބުން ކެޓި ކަމުގައި ވިޔަސް އޭނާއަށް މިއުޒިކްގެ ދާއިރާ އަކުން ވަތްކެއް ނުވެވުނެވެ. މިއަދު އޭނާ ކުރަނީ ފޮނި އުންމީދެކެވެ. މިރޭ 8:00ގައި އޭނާގެ ފުރަތަމަ ސޯލޯ ލަވަ "ރާޅޭ" ރިލީޒްކުރާއިރު އޭނާގެ ހުރިހާވެސް އުންމީދެއް މިއަދު ގުޅިފައިވަނީ އެ ލަވައާއެވެ.
ސަން އާ ވާހަކަ ދައްކަމުން ނަޒީހް ބުނީ މިއީ އޭނާގެ ފުރަތަމަ އަލްބަމްގެ ފުރަތަމަ ލަވަކަމަށެވެ. އަލްބަމްގައި ޖުމްލަ ހަ ލަވަ ހިމެނިގެން ދާއިރު ކޮންމެ ލަވައެއް، ތިން މަހުން އެއް ލަވަ ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
"މި ލަވަ އަކީ ގިނަ ބައެއްގެ މަސައްކަތެއް. ގިނަ ބައެއްގެ އެހީތެރިކަމާ އެކީ މި ލަވަ ރިލީޒްވެގެން ދިޔައީ. ވަރަށް ވެސް ބުރަ މަސައްކަތެއް މިއީ. އުންމީދަކީ މި ލަވަ ކުރިއަރައިގެން ދިޔުން. ބެލުންތެރިން ގޮތެއް ނިންމާނީ. އުންމީދު ކުރަން ލަވަ ވަރަށް ސަޅި ވާނެކަމަށް،" ކ. މާފުށްޓަށް އުފަން ޒުވާނާ ބުންޏެވެ.

ނަޒީހް މިއުޒިކް ކުޅުމުގެ ތެރެއިން--- ފޮޓޯ/ އެފްބީ
މިރޭ އެ ލަވަ ރިލީޒްކުރާ ވަގުތުން ފެށިގެން ސައުންޑް ކްލައުޑް، ޔޫޓިއުބް އަދި ލަވަފޮށިން ލަވަ އިވޭނެ ކަމަށް ނަޒީހު ބުންޏެވެ.
ރާޅޭ އަކީ ސޮފްޓް ރޮކް ލޯބީގެ ލަވައެކެވެ. ލަވަ ރިލީޒްކުރުމަށް މާ ގިނަ ވަގުތެއް ނެތެވެ. ކެތްތެރިކަމާއެކީ މި ލަވައަށް އިންތިޒާރު ކުރާ މީހުން އަދިވެސް ކުޑަކުޑަ އިންތިޒާރެއްކޮށްލަވާށެވެ. ނަޒީހުގެ ފުރަތަމަ ލަވަ ސަޅި ވާނެކަން ޔަގީނެވެ.