ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ނުކުންނައިރު އެ މެޗާމެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމަށް ބުނެ ބާސާގެ ކުރީގެ ތަރި ޒަވީ ހެނާންޑޭޒް އޭނާގެ ކުރީގެ ކްލަބަށް އިންޒާރުދީފިއެވެ.

ލީގު ލީޑަރު ބާސާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި މާދަމާ ރެއާލް ނުކުންނައިރު ލީގު ތާވަލުގައި އެޓީމު އޮތީ ބާސާއަށްވުރެ 11 ޕޮއިންޓު ފަހަތުގައެވެ.

ގަތަރުގެ އަލް ސާދަށް މިހާރު ކުޅެމުން އަންނަ އުމުރުން 37 އަހަރުގެ ޒަވީ ބުނީ، އަބޫ ދާބީގައި ނިމިގެން ދިޔަ ކްލަބް ވޯލްޑް ކަޕްގެ ޓްރޮފީ އުފުލައިލުމަށް ފަހު، ސްޕެއިން އަދި ޔޫރަޕްގެ ޗެމްޕިއަނުން ހަމަޖެހިލައިގެން ތިބޭނޭ ކަމަށް އެއްވެސް ގޮތަކަށް ވިސްނައިގެން ނުވާނޭ ކަމަށެވެ.

ސަމާލުވެ ތިބުމަށް ބާސާއަށް އިލްތިމާސްކުރަމުން ޒަވީ ބުނީ، ރެއާލުން އެލް ކްލަސިކޯ މެޗާ ކުރިމަތިލާނީ، ޒަޚަމްވެފައިވާ ސިންގާއެއްގެ ސިފައިގައި ކަމަށެވެ.

"އަހަންނަކަށް ނޭނގެ އެމީހުން ތިބޭނީ ހިތްހަމަޖެހިފައި ކަމެއް ނުވަތަ ނޫންކަމެއް، އެކަމަކު އެނގޭ އެއްޗަކީ ރެއާލުން ވަނީ ލަ ލީގާ ހޯދާފައި، ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އަދި ސުޕަރކޮޕާވެސް ނަގާފައި،" ކެތަލޯނިއާ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ބާސާގެ ކުރީގެ މިޑްފީލްޑަރު ބުންޏެވެ.

ޒަވީ ބުނީ، ރެއާލަކީ އަބަދުވެސް ތަފާތު ކްލަބެއް ކަމަށާއި އެހެންކަމުން އެ ކްލަބު ބަލިކޮށްލުމަކީ އެހާ ފަސޭހަކަމަކަށް ނުވާނޭ ކަމަށެވެ.

މީގެ އިތުރުން މާދަމާ ކުޅޭ އެލް ކްލަސިކޯ މެޗުން ބާސާ މޮޅުވެއްޖެ ނަމަ، ރެއާލަށް ދެން މިފަހަރުގެ ލީގު ކާމިޔާބު ނުކުރެވޭނޭ ކަމަށްވެސް ބާސާގެ ކުރީގެ ލެޖެންޑު ބުންޏެވެ.

ރެއާލްގެ ސަންތިއާގޯ ބެރްނަބެއުގައި ކުޅޭ އެލް ކްލަސިކޯ މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖޭ ގަޑިން 17:00ގައެވެ.